ވަރަށް ގިނަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކޮށްފައިވާ އެމެރިކާގެ ބިލިއަނަރު ޖެފްރީ އެސްޓެއިން ކަފާލާތުގެ ދަށުން ގޭބަންދަށް ބަދަލު ކޮށްދޭތޯ ކޯޓަށް 77 މިލިއަން އެމެރިކާ ޑޮލަރު (1.1 ބިލިއަން ރުފިޔާ) ހުށަހަޅައިފިއެވެ.

ޖެފްރީގެ ވަކީލުން މިއަދު އެމެރިކާގެ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ޖެފްރީގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްޗަށް ކުރެވޭ ޝަރީޢަތް ފަށަންދެން ކަފާލާތުގެ ދަށުން އޭނާ ގޭބަންދަށް ބަދަލު ކޮށްދިނުމަށް މިއަދު އެދިފައިވާ ކަމަށެވެ. ކަފާލާތުގެ ދަށުން ގޭބަންދަށް ބަދަލު ކޮށްފިނަމަ ކުރަން އެއްބަސްވާ ޖުމްލަ 14 ކަމެއް އެކުލެވޭ ސިޓީއެއް މިއަދު ޖެފްރީގެ ފަރާތުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ފައިސާ ބެހެއްޓުމުގެ އިތުރުން ޖެފްރީ ބަންދުކޮށްފައި ހުންނަ ގޭގެ އެތެރެ އާއި ބޭރުގައި ކެމެރާ ހަރުކުރުމާއި ޖެފްރީ ހުރި ތަން ބެލޭނެ މޮނީޓަރިން ސިސްޓަމެއް އޭނާގެ ގައިގައި ހަރުކުރުމަށް އެއްބަސްވުމާއި، ޤާނޫނީ ވަކީލުންގެ އިތުރުން އިތުރު އެއްވެސް މީހަކު ޖެފްރީގެ ގެއަށް ނުވެއްދުމަށް އެއްބަސްވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ކޯޓުން ބޭނުން ނަމަ 24 ގަޑިއިރު ޖެފްރީގެ ގޭގެ ބޭރުގައި ހަތިޔާރާއި އެކު ފުލުހުން ބޭއްތިބުމައި މެދު އިއުތިރާޒެއް ނުކުރާ ކަމަށް ވެސް ޖެފްރީގެ ވަކީލުން ހުށަހެޅި ސިޓީގައި ބުނެފައިވެއެވެ.

ކަފާލާތުގެ ދަށުން ޖެފްރީ ގޭބަންދަށް ބަދަލު ކުރަން ޕްރޮސެކިއުޓަރުން ވަނީ ދެކޮޅު ހަދާފައެވެ. އެއީ އޭނާ އަކީ ބޮޑު މަހުޖަނަކަށް ވާތީ އޭނާ އާއި ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުންނެވެ.

ޖެފްރީގެ ކަފާލާތުގެ މައްސަލައިގައި ގޮތެއް ނިންމުން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

ޖެފްރީގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ގިނަ ކުދިން އުމުރުން 14 އަހަރަށް ވުރެ ވެސް ހަގު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު