އެމެރިކާގެ ޕެންސިލްވޭނިއާގައި ހުންނަ ޑޭކެއާ ސެންޓަރެއްގައި އަލިފާން ރޯވެ ފަސް ކުދިން މަރުވެއްޖެއެވެ. މިހާދިސާ ހިނގީ ރޭގެ ވަގުތެއްގައެވެ.

ޕެންސިލްވޭނިއާގެ އަލިފާން ނިއްވާ ޑިޕާޓްމެންޓުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުނީ މެންދަމު 01:00 ހާއިރު ކަމަށެވެ.

އަލިފާން ނިއްވާ މީހުން އެސަރަހައްދަށް ދިޔައިރު ބައެއް މީހުން އިމާރާތުގެ ތެރޭގައި ތާށިވެފައި ވެސް ތިއްބެވެ. އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި ހަތް މީހަކު ވަނީ ފަޔާ ޑިޕާޓްމަންޓުން ސަލާމަތްކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

"އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭތަނަށް އަޅުގަނޑުމެން ގޮސް މަސައްކަތް ފަށާ ހަތް މީހަކު ސަލާމަތް ކުރެވުނު. ނަމަވެސް ފަސް ކުދިން އިމާރާތުގެ ތެރެއިން ނެރެވުނު އިރު ވަނީ މަރުވެފައި." އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ މީހުންގެ ތަރުޖަމާން ވިދާޅުވިއެވެ.

މަރުވި ފަސް ކުދިންގެ ތެރެއިން ހަތަރު ކުދިންނަކީ އާއިލީ ގުޅުން އޮންނަ ކުދިންނެވެ. އެއީ ދެފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ. މަރުވި ކުދިންގެ އުމުރަކީ ދިހަ މަސް ދުވަހާއި އަށް އަހަރު ދުވަހާއި ދެމެދު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުންގެ ތެރޭގައި ޑޭކެއާ ސެންޓަރުގެ ވެރިމީހާ ވެސް ހިމެނެއެވެ.

މި ޑޭކެއާ ސެންޓަރަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެކެވެ. އެތަނުގައި ތިބީ މައިންބަފައިން ރޭގަނޑު ވަޒީފާ ދިއުމުން ސެންޓަރުގައި ބައިތިއްބާފައި ތިބި ކުދިންނެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން މިހާރު ތަޙްޤީޤު ފަށާފައިވާ ކަމަށެވެ.