ޚައްޖުގެ އަޅުކަމަކީ މުސްލިމުން އެންމެ ސަމާލުކަންދޭ އެއް އަޅުކަމެވެ. ކޮންމެ މީހަކު ވެސް މަބްރޫރް ހައްޖެއް ބޭނުންވެއެވެ. ނަމަވެސް ބައެއް މީހުންގެ އަމަލުތައް ހުންނަނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަކަށް ނޫނެވެ. މިކަން އެނގިގެން ދަނީ ހައްޖު މޫސުމުގެ ވަކި ހިސާބަކުން "ވަގުންނަށް ޢީދެއް އަންނާތީއެވެ."

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އަރަފާތު ބިމާއި، މުޒްދަލިފާ އަކީ "ވަގުންނަށް ގިނަ މުދާތަކެއް ލިބޭ ތަނެއް" ގެ ގޮތުގައި ދެކިގެން އެތައް ބަޔަކު އެސަރަހައްދުތަކުން ވައްކަން ކުރާ މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

ހައްޖުވެރިން މިނާ އަށް ދަތުރު ފެށުމާއި އެކު އަރަފާތު ބިމުންނާއި މުޒްދަލިފާ އިން ވަރަށް ބޮޑަށް މީހުން މަދުވެއެވެ. އެއާއި އެކު އެސަރަހައްދުތަކުގައި ހުންނަ ޓެންޓްތަކުންނާއި މަގުމަތީގައި ހައްޖުވެރިންގެ ބޭނުމަށް ބަހައްޓާފައި ހުންނަ އެއްޗެހިތައް ވަގުންގެ އަތްދަށުވެއެވެ.

މައްކާގެ މުނިސިޕަލް ކައުންސިލުން ބުނީ ފާހާނާތަކުގެ ދޮރުފަތްތަކާއި، ފާހާނާތަކުގައި ހުންނަ ބައެއް ސާމާނާއި، ކަރަންޓް ދިނުމަށް އަޅާފައި ހުންނަ ކޭބަލްތައް ވެސް ވަގަށް ނަގާ ކަމަށެވެ. ވައްކަން ކުރުމުގައި ގިނައިން ހަރަކާތްތެރިވަނީ ހައްޖުވެރިންނަށް އެކި އިންތިޒާމްތައް ހަމަޖައްސަން ވަޒީފާ ދީގެން ގައުމުން ބޭރުން ގެނެސްފައި ތިބޭ މީހުން ކަމަށް ވެސް މައްކާގެ މުނިސިޕަލް ކައުންސިލުން ބުނެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ހައްޖުވެރިން ވެސް ވައްކަން ކުރާ މައްސަލަ ވަނީ ފާހަގަ ކުރެވިފައެވެ.

ވަގުން ހުއްޓުވަން މުނިސިޕަލް ކައުންސިލުން ސެކިއުރިޓީ ގާޑުންގެ އަދަދު އިތުރު ކުރި ނަމަވެސް ހުރިހާ ވަގުންނެއް ނުހުއްޓުވެއެވެ. މިއަހަރު ވެސް މިފަދަ ވައްކަންތައް އެހެން އަހަރުތަކެކޭ އެއްގޮތައް ރިޕޯޓް ކުރެވެމުންދާ ކަމަށް ސައުދީ އަރަބިއްޔާގެ ނޫސްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބުރުގާ

  ތިތަނައް ގޮސް ސައްތައިން ސައްތަ ހައްޖެއް ކޮއްގެން އަންނާނީ 3،2% މީހުން. ދެންތިބި ހުރިހާ ގައިގަޑެއް ތިތަނަކައް ދަނީ ވައްކަންކުރަން، ލޫޓުވަން، ވަގައް ސަލާން ޖަހަން، ރަން ގަންނަން، ޝޮޕިން ކޮއްލަން، ކަންދައްކަން،

  13
  2
 2. މޯދީ

  ލާރި ފޭރުންވެސް ހައްދުފަހަނަޅާފަ އޮންނަތަނެއް!

  8
  2
 3. މުޞްޠޮ

  ޢީދެކޭ ބުނެ ސުރުޚީ ލިޔުމުން ހީވަނީ މުސްލިމުންނަށް ކުރާ މަލާމާތެއްހެން. ސަބަބަކީ ޢީދު މިނަން މުސްލިމުން ޚާއްޞަކޮށްފައިވަނީ މުސްލިމުންނަށް އަންނަ އެންމެ އުފާވެރި ދީނީ ދުވަހެއްގެ ގޮތުގައި.

  2
  1
  • عيد

   عيد ދުވަހުގެ ގެ ލުޢަވީ މާނައަކީ އުފަލުގެ ދުވަސް، ނޫނީ ޗުއްޓީގެ ދުވަސް. މިގޮތަށް އެކިބަސްތަކުގެ މާނަތައް އެކި ގޮތްގޮތަށް ބޭނުންކުރުމަކީ މުސްލިމުންނަށް ކުރެވޭ މަލާމާތެއްނޫން. މަލާމާތަކަށް މިވަނީ މުސްލިމުންނާ ދެކޮޅަށް ބޭނުންކުރުން.