އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ސަރަހައްދުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އެމެރިކާގެ އަސްކަރިއްޔާ އެ ސަރަހައްދަށް ފޮނުވުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ.

ރައީސް ޓްރަމްޕް ބުނީ އެމެރިކާއިން ދެން ކަންކަންކުރާނީ އަސްކަރީގޮތުން ކަމަށާއި އަދި މި ނެގިގެންދަނީ ވަރަށް ބޮޑު ފިޔަވަޅެއްކަމަށެވެ. އޭގެ އިރުކޮޅެއް ކުރިން ރައީސް ޓްރަމްޕް ވަނީ އެމެރިކާ ބައްރުގެ ގައުމެއްކަމުގައިވާ ހޮންޑިއުރަސްއަށް އެމެރިކާއިން ދެމުން އައި މާލީ އެހީ ކަނޑާލާނޭކަމުގެ އިންޒާރުވެސް ދީފައެވެ. ރައީސް ޓްރަމްޕް އެހެން ބުނީ އެމެރިކާއަށް އެތެރެވުމަށް ހޮންޑިއުރަސްގެ ގިނަ ބަޔަކު ދަތުރުކުރަމުންދާކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވުމާއިއެކުގައެވެ.

ޑޮނަލްޑް ޓްރަމްޕް ވަނީ މެކްސިކޯއިން އެމެރިކާއަށް ހިޖުރަކުރަމުންދާ މީހުން މެކްސިކޯއިން ނުހިފަހައްޓާނަމަ ނަފްޓާ އެގްރީމެންޓުންވެސް އެމެރިކާ ވަކިވާންޖެހިދާނޭކަމަށް ބުނެފައެވެ. ހޮންޑިއުރަސްއިން އެމެރިކާއަށް އެތެރެވުމަށް 1000 އެއްހާ މީހުން ދަތުރުކުރަމުންދާއިރު އެ މީހުން ދަތުރުކުރަމުންދަނީ މެކްސިކޯގެ ތެރެއިންކަމަށްވެސް ވަނީ މައުލޫމާތުލިބިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރިޔާސީ އިންތިހާބު ކެމްޕޭންގެ ތެރެއިންވެސް އެމެރިކާއަށް ގާނޫނާއި ޙިލާފަށް އެތެރެވަމުންދާ އެހެން ގައުމުތަކުގެ މީހުންގެ އަދަދު ދަށްކުރާނޭކަމަށް ވައުދުވެފައެވެ.

އެމެރިކާއިން ދަނީ މެކްސިކޯއާއި އެމެރިކާ ގުޅޭ ބޯޑަރު ސަރަހައްދުގައި މިހާރު ހުރި ފާރު އަލުން މަރާމާތުކުރުމަށްވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރިން އެމެރިކާއަށް އެތެރެވާ މެކްސިކޯގެ ރައްޔިތުންނަކީ ރޭޕިސްޓުންނާއި ކުށްކުރާ މީހުންގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި އޭގެ އިތުރުންވެސް ޑޮނަލްޑް ޓްރަމްޕް ވަނީ މެކްސިކޯގެ ބޯޑަރުގައި ގަވާއިދައި ޙިލާފަށް އެމެރިކާއަށް އެތެރެވާ މީހުން ހުއްޓުވުމަށްޓަކައި ވަރުގަދަ ފާރެއްވެސް ރާނާނޭކަމަށް ކެމްޕޭންގެ ތެރެއިން ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު