އެމެރިކާ އާ 100 އަހަރު ވަންދެން ހަނގުރާމަ ކުރަން ޖެހުނަސް އެކަން ކުރާނެ ކަމަށް އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތް، ތާލިބާން ޖަމާޢަތުން ބުނެފިއެވެ. ތާލިބާނުން މިގޮތަށް ބުނެފައި މިވަނީ އެމެރިކާ އިން އެންމެ ޒަމާން ވަންދެން ކުރަމުންދާ ހަނގުރާމަ ހުއްޓުމުގެ ކިރިޔާވެސް އުއްމީދެއް ލިބެން އޮތް މަޝްވަރާތައް އެމެރިކާ އިން ކެންސަލް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ހަފްތާގައި ތާލިބާނުންގެ ވަފުދަކާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޮތީ ބައްދަލުކޮށް ސުލްހައިގެ ރަސްމީ އެއްބަސްވުމެއް ގައި ސޮއި ކުރާ ގޮތަށް ހަމަޖެހިފައެވެ. އެއްބަސް ވުމުގައި ހިމެނެން ޖެހޭ ކަމަށް ދެ ފަރާތަށް އެއްބަސް ވެވޭ ކަންތައްތަކާ ބެހޭގޮތުމަށް މަޝްވަރާ ކޮށް ސޮއިކުރުމަށް ހަމަޖެހިފައި އޮތްއިރު މަޝްވަރާތަކުގެ މެދުވެރިއަކަށް ހަމަޖެހިފައި އޮތީ ޤަތަރެވެ. ޓްރަމްޕް ކުއްލި ގޮތަކަށް މަޝްވަރާތައް ހުއްޓުވީ ތާލިބާނުންގެ ހަމަލާ އެއްގައި އެމެރިކާގެ ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް ބުނެއެވެ.

ތާލިބާނުންގެ ވަފްދުގައި އިސްކޮށް ހުރި މުހައްމަދު އައްބާސް ސްޓަނިކްޒާއި މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އަދިވެސް އެމެރިކާ އަށް އެމީހުންގެ ނިންމުން ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެއްބަސްވުމާ އެކީ ކުރިއަށް ދާންވީ ކަމަށެވެ. "އަހަރެމެން އަދިވެސް މި ތިބީ މަޝްވަރާ ކުރަން ތައްޔާރަށް. ހަމަނުޖެހުންތައް އަދިވެސް ހުއްޓޭނެ ހަމައެކަނި މަގަކީ މަޝްވަރާ ކޮށް ސުލްހަވެރި ވެގެން ކަމަށް އަހަރެމެން ޤަބޫލު ކުރަނީ. ޓްރަމްޕް އަލުން ވިސްނައި އަހަރެމެން ކުރިން ތިބި ހިސާބަށް އަންނާނެ ކަމަށް ހީކުރަން" އައްބާސް ބުންޔެވެ.

ތާލިބާނުން އެމެރިކާ ސިފައިންގެ މީހަކު މެރި ކަމަށް ބުނެ ޓްރަމްޕް މަޝްވަރާތައް ކުރުން ހުއްޓުވާލި ނިންމުމާ ބެހޭގޮތުން ތާލިބާން ޖަމާޢަތުން ބުނަނީ އެމީހުންގެ ހަމަލާ އާ ބެހޭގޮތުން ޓްރަމްޕް އަށް ވެސް ދެއްކޭނެ ވާހަކައެއް ނޯންނާނެ ކަމަށާއި އެމެރިކާ އާއި އަފްގާނިސްތާން ސަލާމާތީ ބާރުތަކުން އެމީހުންނާ ދެކޮޅަށް ހުއްޓުމެއްނެތި ހަމަލާ ދެމުން ގެންދާ ކަމަށެވެ. ތާލިބާނުން އެމެރިކާ ދެކެނީ އެމީހުންގެ ގައުމަށް ވެރިވެގަނެގެން ތިބި ހަނގުރާމަވެރިންތަކެއް ގޮތުގައެވެ. އަދި އެ ޖަމާޢަތަކީ މިނިވަންކަމަށް ހަނގުރާމަ ކުރާ މުޖާހިދުންތަކެއްގެ ކަމަށާއި އެމީހުންނަކީ އަފްޣާނުގެ އާއްމުންގެ ރައްކަލަކަށް އޮތް ޖަމާޢަތެއް ކަމަށް އެމީހުން ބުނެއެވެ.

"މި ހަނގުރާމަ މިއީ އަހަރެމެންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް. އަފްގާނިސްތާނަށް އައިސް މި ތިބީ އެމެރިކާ ސިފައިން. އަހަރެމެންގެ މުޖާހިދުން ވޮޝިންގްޓަން ގަ ތިބެގެންނެއް ނޫން މި އުޅެނީ." ތާލިބާނުން ގެ މަޝްވަރާ ވަފުދުގެ އިސްކޮށް ހުރި އައްބާސް ބުންޔެވެ. އައްބާސް ބުނި ގޮތުގައި ޓްރަމްޕް މަޝްވަރާ ތައް ހުއްޓާލުމަށް ދެއްކި ބަހަނާ ދެކޮޅު ނުޖެހޭ ކަމަަށާއި، އޭނާ އެހެން ބުނުމުގެ 10 ދުވަސް ކުރިން އެމެރިކާ ސިފައިން ތާލިބާނުންގެ 1000 ހަނގުރާމަވެރިން މަރާފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕިއޯ ބުނެފައިވާ ކަމަށެވެ. "އެމެރިކާ އިން މަޝްވަރާކުރަން ބޭނުން ނުވާނަމަ، އަދި ސުލްހައިގެ މަގު ބޭނުން ނުވާނަމަ އަހަރެމެންނަށް މަޖުބޫރު ވާނެ ހަމަލާ ތަކަށް ދިފާޢުގައި ރައްދު ދޭން. 100 އަހަރު ހަނގުރާމަ ކުރަން ޖެހުނަސް އަހަރެމެން ހަނގުރާމަ ކުރާނަން." އައްބާސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮނިފުހޭއިސްކިން ޓޯޓޯ

    ހާދަ ހިވަރުގަދައޭ

    13
    3
  2. ހުސައިން

    އެމެރިކާއައް ރަނގަޅުވާނީ ހަނގުރާމަ ދިގުވިވަރަކައް. ހަނގުރާމަ ދިގުވާވަރަކައް އެމެރިކާ މީހުން ހަދާ ހަތިޔާރު ގިނައިން އެކުސްޕޯޓު ކުރެވޭނެ.. އެކަމުން އެމީހުންގެ އިކޮނޮމީއައް ނުހަނު ފައިދާ ބޮޑުވޭ.. އަދި ވެރީންގެ ޖީބުތައް ފުރޭ.. އެހެންވެގެން ސުލްހައައް ލިބޭ ކޮންމެ ފުރުސަތެއްގެ ދޮރު ލައްޕާލަނީ. އަދި އެހެންވެ އެހެން ގައުމުތަކުގައިވެސް ކޮންފުލިކްޓު އުފައްދަނީ. އެމެރިކާ އައް ހަނގުރާމަ ކުރުމަކީ ފައިދާ ބޮޑު ވިޔަފާރިއެއް..

    11
    1