ދެކުނު އޭޝިއާގެ އެންމެ އުސް ޓަވަރު ދަ ލޮޓަސް ޓަވަރު، ރޭ ސްރީ ލަންކާގައި ހުޅުވައިފިއެވެ.

350 މީޓަރު އުސް ލޮޓަސް ޓަވަރުގެ މަސައްކަތް 2012 ވަނަ އަހަރު ފެށީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައެވެ.

ލޮޓަސް ޓަވަރުގައި ޓެލެކޮމިއުނިކޭޝަން މިއުޒިއަމަކާއި، ރެސްޓޯރެންޓެކާއި، ސުޕާމާކެޓުތަކާއި، ފުޑް ކޯޓުތަކާއި، 400 މީހުންގެ ޖާގައިގެ ކޮންފެރެންސް ހޯލުތަކާއި، 1000 މީހުންގެ ޖާގައިގެ އޮޑޮޓޯރިއަމަކާއި، ލަގްޒަރީ ކޮޓަރިތަކާއި، އޮބްޒަވޭޝަން ގެލެރީ އެއް ހިމެނެ އެވެ.

މި ޓަވަރުގައިވާ ދުއިސައްތަ ސާޅީސް ހަތަރު މީޓަރު އުހުގައި ހުރި އޮބްޒަވޭޝަން ޑެކް ވަނީ އާއްމުންނަށް ހުޅުވާލައިފަ އެވެ. ޓަވަރުގައި ހުރި ރެސްޓޯރެންޓް އަދި ނުނިމެއެވެ.

އެ ޓަވަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ ޕްރޮޖެކްޓުގައި ކޮރަޕްޝަން އޮތް މިންވަރު ހާމަކޮށްދެއްވައިފަ އެވެ.

"މި ޕްރޮޖެކްޓް އަދިވެސް ނުނިމޭ. ނަމަވެސް އަޅުގަނޑުމެން ނިންމީ އާއްމުންނަށް ބޭނުން ކުރެވެން ހުރި ބައިތައް ހުޅުވާލަން،" ލަންކާގެ ގައުމީ ޓީވީން ވަގުތުން ދައްކަމުން ދިޔަ ރަސްމިއްޔާތުގައި ސިރިސޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވެފައި ވަނީ، ޓަވަރުގެ ދަރަނި އަދާކުރަން ޗައިނާގެ ބޭންކަށް އަހަރަކު 10 އިންސްޓޯލްމެންޓުގެ 2.4 ބިލިއަން ރުޕީސް ދައްކަން ޖެހޭ ކަމަށެވެ، އަދި ހަމައެޔާއި އެކު ޓަވަރަށް ޚަރަދުކޮށްފައި ވަނީ މުވައްޒަފުންގެ މުސާރަ ދިނުމަށާއި ބޭސް ގަތުން ފަދަ ކަންކަމަށް ހުރި ފައިސާ ކަމަށެވެ.

އެ ޓަވަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިރިސޭނާ އިތުރަށް ވިދާޅުވެފައިވަނީ އެ ޓަވަރަށް 16 ބިލިއަން ރުޕީޒް އިންވެސްޓް ކުރަން ނިންމި ނަމަވެސް، ލަންކާއަށް ލިބިފައި ވަނީ އެންމެ 12 ބިލިއަން ރުޕީޒް ކަމަށެވެ.

އެ ޓަވަރު އަޅާފައި ވަނީ ލަންކާ އާއި ޗައިނާއާ ދެމެދު 2012 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ލަންކާއިން 2012 ވަނަ އަހަރު ވަނީ އެޑްވާންސް ފައިސާގެ ގޮތުގައި ދެ ބިލިއަން ރުޕީޒް ޗައިނާ ނޭޝަނަލް އިލެކްޓްރޯނިކްސް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަނަށް (ސީއީއައިއީސީ) ދީފަ އެވެ.

"ކަންދިމާކުރި ގޮތުން 2016 ވަނަ އަހަރު އައި އިރު، އަޅުގަނޑުމެންގެ ދެ ބިލިއަން ރުޕީޒް އާއެކު ސީއީއައިއީސީ ގެއްލިއްޖެ. އެ ބޭންކަށްވީ ގޮތެއް ތަހުގީގު ކުރަން އަޅުގަނޑު ހަވާލުކުރީ އަޅުގަނޑުމެންގެ ޗައިނާއަށް ހާއްސަ ސަފީރު ކަރުނަސެނާ ކޮޑިޓުވައްކު އާ. އޭނާ ވަނީ ބޭންކުން ދިން އެޑްރެހަށް ވަޑައިގެން ބައްލަވާފައި. އެ އެޑްރެހުގައި އެ ނަން ކިޔާ ބޭންކެއް އަދި ކުންފުންޏެއް ވެސް ނުހުރޭ. އެ ދެ ބިލިއަން ރުޕީޒް އަށް ވީ ގޮތެއް އެއްވެސް މީހަކަށް މިއަދާ ހަމައަށް އައިއިރު ނޭނގޭ. ފަހުން ސަރުކާރުން ނިންމީ ސަރުކާރުގެ އަމިއްލަ ހަރަދުގައި އެތަން (ލޮޓަސް ޓަވަރު) ނިންމަން،" ސިރިސޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އަޅެ ލަންކާ މީހުން ނުކިޔާތަ ކޮންކްރީޓް ތަރައްޤީއެއް ބޭނުމެއްނޫނޭ! ރާއްޖޭގައި ބްރިޖެއް ހުޅުވީމާ ބަޔަކު ރެވިތެޔޮ ލައިގެން އުޅުނު ވައްތަރަށް ލަންކާ މީހުންނަށް އުޅެން ނޭގެނީތަ؟

    16
    2