އިސްރާއީލްގައި އަންގާރަ ދުވަހު އޮތް އާއްމު އިންތިޚާބުގައި ލާފައިވާ ވޯޓްތައް ގުނުން ނިމުމަކާއި ގާތްވެފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޕޯސްޓް މެދުވެރިކޮށް ވޯޓްލާފައިވާ މީހުންގެ ވޯޓްތައް ގުނުން ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ޑިޕްލޮމެޓުންނާއި، ސަލާމަތީ ބާރުތަކުގެ ބައެއް މެންބަރުންނާއި، އެހެން ގައުމުތަކުގައި އުޅޭ މީހުންނާއި ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުންނާއި މުވައްޒަފުންގެ އިތުރުން ޖަލުތަކުގައި ތިބި ކުށްވެރިންގެ ވޯޓެވެ. މިއީ ވޯޓް ލާފައިވާ މީހުންގެ ފަސް އިންސައްތައެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ބްލޫ އެންޑް ވައިޓް ޕާޓީ އިން ވަނީ 33 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެޕާޓީގެ ލީޑަރަކީ ބެނީ ގަންޓްޒް އެވެ. ނަތަންޔާހޫގެ ލިކޫދް ޕާޓީއަށް ލިބިފައި ވަނީ 32 ގޮނޑިއެވެ.

މިހާރު ގުނަމުންދާ ވޯޓްތައް އަރަބި ޕާޓީތަކާއި، ހަރުކަށި ފިކުރުގެ ޕާޓީތަކަށް ލިބުމުގެ ފުރުސަތު ކުޑަ ނަމަވެސް ގޮނޑިތަކުގެ އަދަދަށް ބަދަލެއް އަންނަ ވަރުގެ ނަތީޖާއެއް ނިކުތުން ދުރުކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ.

ނަމަވެސް ނަތަންޔާހޫގެ ލިކޫދް ޕާޓީން އުއްމީދު ކުރަނީ އެންމެ ގޮނޑިއެއްގެ ނަތީޖާއަށް ވެސް ބަދަލެއް އައިސް، ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އެޕާޓީއަށް ލިބޭނެ ކަމަށެވެ. އެފުރުސަތު ލިބިއްޖެނަމަ ކޯލިޝަން ސަރުކާރެއް ގާއިމް ކުރުމުގެ މަސައްކަތް ފެށޭނެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ސިޓީ އުރައިގައި ހުންނަ ވޯޓް ކަރުދާސްތައް ގުނުން އެއީ ވަރަށް ލަހުން ކުރިއަށްދާ މަސައްކަތެކެވެ. އެހެންކަމުން ވޯޓްގެ އެންމެ ފަހުގެ ނަތީޖާތައް ކަށަވަރު ވާނީ އިސްރާއީލްގެ ގަޑިން މިއަދު ހަވީރު އެވެ. އެއީ ރާއްޖޭ ގަޑިން މިރޭގެ ވަގުތެއްގައެވެ.