ފަލަސްތީނުގެ ޣައްޒާގައި ހުކުރު ނަމާދަށްްފަހު އިސްރާއީލާއި ދެކޮޅަށް ކުރަންފެށި މުޒާހަރާގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިން ހަމަލާދޭން ފަށައިފިއެވެ.

ފަލަސްތީނު ރައްޔިތުން އިސްރާއީލާއި ދެކޮޅަށް އަޑުއުފުލަމުންދަނީ ފަލަސްތީނާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައެވެ. ރިޕޯޓްތައް ބުނާގޮތުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް އިސްރާއީލް ސިފައިން ބަޑިން ހަމަލާ ދިނުމުގެ ސަބަބުން މިހާތަނަށް 5 މީހަކު ވަނީ ޒަހަމް ވެެފައެވެ. މި މުޒާހަރާގައި ބައިވެރިވަނީ އާއްމު ރައްޔިތުން ކަމަށާއި އަދި އެއްވެސް ސިޔާސީ ބޭފުޅަކު މުޒާހަރާއިން ނުފެންނަ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ޣައްޒާ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއަށް އިސްރާއީލް ސިފައިން ބަޑިން ހަމަލާދީ 21 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި އެ މުޒާހަރާގައި 1500 މީހުން ވަނީ ޒަހަމްވެފައެވެ.

ފަލަސްތީނު ރައްޔިތުން މާރިޗު މަހުގެ 30 ވަނަ ދުވަހު އަޑު އުފުލަން ފެށީ "ބިމުގެ ދުވަސް" ފާހަގަ ކުރުމަށެވެ. ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 30 ވަނަ ދުވަހަކީ ފަލަސްތީނުގެ ބިމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުުރާ ދުވަހެވެ. މި އަހަރަކީ އެ ދުވަސް ފާހަގަ ކުރާތާ 42 އަހަރު ފުރުނު އަހަރެވެ.

މިދިޔަ ހުކުރު ދުވަހުގެ މުޒާހަރާގައި 35000 މީހުން ބައިވެރިވި ކަމަށް އިސްރާއިލް ސިފައިން ވަނީ ބުނެފައެވެ. އަދި އިސްރާއިލް ސިފައިން ބުނިގޮތުގައި މިއަދުގެ މުޒާހަރާގައި 50000 މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.