އެޓްލާންޓިކް ކަނޑުގައި އިތުރު ބާރުގަދަ ތޫފާނެއް އުފެދި އެމެރިކާގެ ބައެއް ސަރަޙައްދުތަކަށް ނުރައްކާ ކުރިމަތިކޮށްފިއެވެ.

ލޮރެންޒޯގެ ނަމުން ނަންދީފައިވާ ތޫފާނެއް މިހާރު އެޓްލާންޓިކް ކަނޑުގައި އުފެދި ބާރުގަދަވަމުންދާއިރު، "ޖެރީ"ގެ ނަމުން ނަންދެވުނު ތޫފާނަކާއި "ކަރެން"ގެ ނަމުން ނަންދީފައިވާ ތޫފާނެއް މި ސަރަޙައްދުގައި ދަނީ ދައުރުވަމުންނެވެ. މި ތިން ތޫފާނުގެ ކުރިން، އެޓްލާންޓިކް ކަނޑުގައި އުފެދުނު ވަރުގަދަ ތޫފާން، "ތޫފާން ޑޯރިއަން" މީގެ ކުރިން ވަނީ އެމެރިކާއަށް އަރައި އެ ސަރަޙައްދުގެ ޤައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އެންމެ ފަހުން އެޓްލާންޓިކް ކަނޑުގައި އުފެދި ބާރުގަދަވަމުންދާ ތޫފާން. "ލޮރެންޒޯ"، ކަނޑުން އުފެދޭ ބާރުގަދަ ނަގޫރޯޅިއަކަށް ބަދަލުވެ ސަރަޙައްދީ ބައެއް ޤައުމުތަކަށް އަރާފާނެކަމުގެ އިންޒާރު މިހާރު އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ނެރެފައިވާއިރު، މި ތޫފާނުގައި މިވަގުތު ގަޑިއަކު 65 މޭލަށް ވައި ހުރި ކަމަށް އެ އިދާރާއިން ބުނެއެވެ.

ތޫފާން ލޮރެންޒޯ ދަތުރުކުރަމުން ދަނީ، އެޓްލާންޓިކް ކަނޑުން ހުޅަނގާއި ހުޅަނގު އުތުރަށް ގަޑިއަކު 17 މޭލު ބާރުމިނުގައެވެ. މި ހަފްތާގެ ތެރޭގައި ލޮރެންޒޯ ދައުރުވަމުން ދާނީ ކަނޑުގެ ސަރަޙައްދުގައި ކަމަށާއި، ނަމަވެސް އޭގެ ފަހުން އެ ތޫފާނުގެ އަސަރު ބައެއް ހިސާބުތަކަށް ފޯރާނެ ކަމަށް އެމެރިކާގެ މޫސުމާއި ބެހޭ އިދާރާތަކުން ލަފާކުރެއެވެ.

މި ތޫފާނުގެ އިތުރުން މިހާރު އެޓްލާންޓިކް ކަނޑުގައި ދައުރުވަމުންދާ ތޫފާން ކަރެންގެ ބާރުވެސް ވަނީ އިތުރަށް ގަދަވެފައެވެ. ތޫފާން ކަރެންގެ މިސްރާބު އެމެރިކާ ސަރަޙައްދުގައި އޮންނަ ކެރީބިއަން އާއި ދިމާލަށް އޮތްއިރު، މި ސަރަޙައްދަކީ މީގެ ކުރިން އެރި ބާރުގަދަ ޑޯރިއަން ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ސަރަޙައްދެކެވެ.

ގަޑިއަކު 45 މޭލަށް ވައިހުރި މި ތޫފާން ކެރީބިއަން އާއި ދިމާލަށް ދަތުރުކުރަމުން ދަނީ ގަޑިއަކު 7 މޭލު ބާރުމިނުގައެވެ. މި ތޫފާނުގެ އިތުރުން މި ސަރަޙައްދުގައި މިހާރު ދައުރުވާ ތިންވަނަ ތޫފާން ކަމަށްވާ "ތޫފާން ޖެރީ"ގެ ބާރު ދަށްވަމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ. ނަމަވެސް އެ ތޫފާނުގައި އަދިވެސް ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް އިދާރާތަކުން ލަފާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    ރާއްޖެެެެެެެެެއަށްވެސް ބާރުގަދަ މާ، ނުބާ ނުލަފާ ތޫފާނެއް ޖެހިގެންމި އުޅެނީ ސަލާމަތް ނުވެގެން!
    ރައްޔިތުންމަޖިލިސް ކުރާގޭގަ އެބުރޭ، އެތި މުޅި ދުނިޔެ ކުޑަކުރޭ!
    ނުބެހޭކަމެއް ނުވަންނަ ތަނެއް ނެތް އެތޫފާން!
    ދީނުގެ ހުކުންވެސް މުގުރާ ހަދަން ދިމާކުރޭ!
    މާތްﷲ އެތޫފާނުން ދިވެހިން ސަލާމަތް ކުރައްވާންދޭވެ.

    18