އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނު "ހިކާ" ބާރުގަދަ ތޫފާނަކަށް ބަދަލުވެފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މި ތޫފާނުގެ ސީދާ އަސަރު ރާއްޖެ އަކަށް ނުކުރާނެއެވެ. އަރަބި ކަނޑުގެ ހުޅަނގު އުތުރުގައި އުފެދުނު މި ތޫފާނު ބާރުގަދަ ތޫފާނަކަށް ވާއިރު، އެވަރެޖް ގޮތެއްގައި މި ތުފާނުގެ ވަައިގެ ބާރުމިން އުޅޭނީ 68 މޭލާއި 75 މޭލާއި ދޭތެރޭގައި ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

މިރޭގެ ވަގުތެއްގައި މި ތޫފާނު އޮމާންގެ އައްސޭރި ފަށަށް އަރާނޭ ކަމަށް ބެލެވިފައި ވާއިރު، އެ ގައުމަށް ތޫފާނު އެރުމުގެ ކުރިން ބާރު ތަންކޮޅެއް މަޑުވެގެން ދާނޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.

މިހާރު ރާއްޖެ އަށް ކުރަމުން މިގެންދާ ވިއްސާރަ އަކީ "ހިކާ"ގެ ސަބަބުން ކުރާ ވިއްސާރަ ކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮތް ނަމަވެސް މެޓު އޮފީހުން ވަނީ މިހާރު ކުރަމުން މި ގެންދާ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުން ކުރަމުން ގެންދާ ވިއްސާރަ ކަމަށް މީގެ ކުރިން މައުލޫމާތު ދީފައެވެ.

މި ތޫފާނަށް ދީފައިވާ ނަން ކަމުގައިވާ "ހިކާ" އަކީ ދިވެހި ނަމެކެވެ. މޫސުމީ ގޮތުން މި ސަރަޙައްދުގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން، ކޮންމެ ޤައުމަކުންވެސް، ނަން ތަކެއް ހުށަހަޅައެވެ. މި ނަންތައް، ހުންނަނީ ކުރިއާލާ ހުށަހަޅާފައިކަމަށް މައުލޫމާތު ލިބެއެވެ. މިހާރު އަރަބި ކަނޑުގައި އުފެދުނު ތޫފާނަށް ދީފައިވާ ނަމަކީވެސް މިގޮތުން ރާއްޖޭއިން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ.

މީގެ ކުރިންވެސް އަރަބި ކަނޑުގައި އުފެދުނު ތޫފާނަކަށް ދިވެހި ނަމެއް ދީފައި ވެއެވެ. 2018 ވަނަ އަހަރު މެއި މަހުގެ ފަހުކޮޅުގައި އަރަބި ކަނޑުގައި އުފެދުނު އެ ތޫފާނަށް ދިން ދިވެހި ނަމަކީ، ތޫފާން "މެކުނު" އެވެ. މީގެ އިތުރުން ބަންގާޅު ކަނޑުގައި އުފެދުނު ތޫފާނަކަށް ވެސް ދިވެހި ނަމެއް ދީފައި ވެއެވެ. އ ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން "ރޯނު" އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަންސޫރަ

    އަންނި ކީނަމަ ނޫނީ އިބޫ ކީނަމަ ތޫފާން ތަކަށް ނަންދެނީ ނުބައި މީހުންގެނަމުން

    6
    4
  2. Anonymous

    މީތްރޮލޮޖީ އިން ބުނީ ނުވާނެޔޯ. ލޮލް

    2
    1
  3. ޢިބުނު

    ކިޔާބަލަ މާލެ، އެއީ ކިހާ ބޮޑު ތޫފާނެއް