ރާއްޖޭގެ ހުޅަނގު އުތުރުން އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާން، "ތޫފާން ހިކާ"، އެޓްލާންޓިކް ކަނޑުގައި އުފެދޭ ކެޓެގަރީ އެކެއްގެ ތޫފާނަކާއި އެއްވަރުވާ ކަމަށް އެމެރިކާގެ ޖޮއިންޓް ޓައިފޫން ވާނިންގް ސެންޓަރ (ޖޭޓީޑަބްލިއުސީ) އިން ބުނެފިއެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުގައި، އޮމާންގެ ހުޅަނގު އައްސޭރީގެ ސަރަޙައްދުތަކަށް މިހާރު މިސްރާބު ޖަހާފައިވާ ތޫފާން ހިކާގައި ގަޑިއަކު 92 މޭލަށް (148 ކިލޯމީޓަރަށް) ވައިގަދަވާނެއެވެ. މިއީ އެޓްލާންޓިކް ކަނޑުގައި އުފެދި ބާރުގަދަވާ ކެޓެގަރީ އެކެއްގެ ތޫފަންތަކުގައިވެސް ވައިގަދަވާ ވަރު ކަމަށް އެ އިދާރާއިން ބުނެއެވެ.

ޖޭޓީޑަބްލިއުސީ އިން ބުނެފައިވަނީ ތޫފާން ދަތުރުކުރަމުންދަނީ ދިހަ ނޮޓިކަލް މޭލު ބާރުމިނުގައި ކަމަށާއި، ތޫފާނުގެ ސަބަބުން 17 ފޫޓުގެ ރާޅު އެ ސަރަޙައްދުގައި އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޮމާން އާއި ދިމާލަށް މިސްރާބު ޖަހަމުންދާ މި ތޫފާނުގެ އަސަރު، އިންޑިއާއަށްވެސް ކުރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

އަރަބި ކަނޑު ހިމެނޭ ސަރަޙައްދުގެ ޕަބްލިކް އޮތޯރިޓީ އޯ ސިވިލް އޭވިއޭޝަން (ޕީއޭސީއޭ) އިން، ތޫފާން ހިކާ އާއި ގުޅިގެން ބުނެފައި ވަނީ، މި ތޫފާނުގެ ބާރު ކުރިޔަށް އޮތް ދުވަސްތަކުގައި ދަށްވާނެ ކަމަށް ބެލެވުނު ނަމަވެސް ތޫފާނުގެ އަސަރު ބައެއް ސަރަޙައްދުތަކަށް މިއަދު ވަރަށް ބޮޑަށް ކުރަން ފަށާނެ ކަމަށެވެ. އެގޮތުން ތޫފާން މިސްރާބު ޖަހާފައިވާ އޮމާންގެ އައްސޭރީގެ ސަރަޙައްދުތަކަށް ވައިބާރުވެ ބޯކޮށް ވާރޭވެހުމާއި އެކި ރާޅު އަރާނެ ކަމަށް ބެލެވޭ ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.

މި ތޫފާނާއި ގުޅިގެން އިންޑިއާގެ މީޓިއޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނީ، ތޫފާނުގެ އަސަރު އެޤައުމުގެ ގުޖުރާތަށް ކުރަމުންދާ ކަމަށެވެ. އެގޮތުން ގުޖުރާތުގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް ވައިބާރުވެ ވިއްސާރަވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ތޫފާން ހިކާ އުފެދި ބާރުގަދަވަމުންދާކަން ހާމަކޮށް ރާއްޖޭގެ މީޓިއޮލޮޖިކަލް ސެންޓަރުން އިއްޔެ ބުނެފައިވާ ގޮތުގައި، ތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަށް ކުރާނެކަމަށް ލަފާ ނުކުރެވެއެވެ. އެ އިދާރާއިން ވިދާޅުވީ، މި ތޫފާނަކީ އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑެއް ބާރުގަދަވެގެން އުފެދުނު ތޫފާނެއް ކަމަށެވެ.

މި ތޫފާނަށް "ހިކާ"ގެ ނަމުން ނަންދީފައިވާއިރު، މިއީ ރާއްޖެއިން ދީފައިވާ ދިވެހި ނަމެކެވެ.