ފަލަސްތީންގައި މިއަދު ހުކުރު ނަމާދަށް ފަހު ކުރަމުންދާ މުޒާހަރާގެ ތެރެއަށް އިސްރާއީލްގެ ސިފައިން ބަޑި ޖެހުމުން ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު ނުވައަކަށް އަރައިފިއެވެ.

މިއަދު ޝަހީދުވި މީހުންގެ ތެރޭގައި ދެކުޑަކުދިން ވެސް ހިމެނެއެވެ.

މިއަދު ޝަހީދުވި މީހުންނާއި އެކު ފާއިތުވި ދެ ހުކުރުގައި ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު ވަނީ 30 އަށް އަރާފައެވެ.

މިއަދުގެ މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 1070 އަށް އަރާފައެވެ.

ފަލަސްތީން ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އަމިއްލަ ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައިވާ ފަލަސްތީން ރައްޔިތުންނަށް އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މުޒާހަރާ ކުރިއަށް ގެންދިޔައީ ޣައްޒާ ގައެވެ. މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ބަޑި ޖަހާފައި ވަނީ އެއްވެސް އިންޒާރެއް ބެލުމެއް ނެތި ސީދާ މީހުންގެ ބޮލަށް ނުވަތަ މެއަށް ވަޒަން އަރާގޮތައް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މުޒާހަރާ ރޫޅާލުމަށް ބަޑި ޖެހުމުގެ އިތުރުން މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ވެސް ޖަހާފައެވެ.

އިސްރާއީލް ސިފައިންގެ އަނިޔާވެރި އަމަލުތައް ހައްދުފަނައަޅާފައި ވާއިރު އދ.ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ގެ ތަރުޖަމާން ލިޒް ތްރޯސެލް މިއަދު ވިދާޅުވީ ފަލަސްތީންގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް އިސްރާއީލަށް ގޮވާލާ ކަމަށެވެ.