ފަލަސްތީނުގައި ހުންނަ އަލް އަޤްސާ މިސްކިތް ކައިރީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެގައުމުގެ ކުޑަކުއްޖަކު އިސްރާއިލް ސިފައިންގެ މީހަކަށް ހަމަލާދީފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެކުއްޖާ ހަމަލާދީފައިވަނީ އިސްރާއިން ސިފައިންގެ އަންހެނަކަށެވެ. އަދި ހަމަލާދީފައިވަނީ ވަޅިން ކަމަށާއި އެހަމަލާގައި އެ މީހާއަށް ބޮޑު ޒަޚަމެއް ލިބިފައިނުވާކަމަށްވެއެވެ. އެގޮތުން އެ ހަމަލާ އަމާޒުވީ ސިފައިންގެ މީހާގެ އަތަށް ކަމަށާއި އެ ހަމަލާގައި ސީރިއަސް ޒަޚަމްތަކެއް ލިބިފައިނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިފައިންގެ މީހާއަށް ދިން ހަމަލާގެ ބަދަލުގައި ސިފައިން ވަނީ އެކުއްޖާ ގަޔަށް ބަޑިޖަހާފައެވެ. އެކުއްޖާ މަރުވި ކަން އަދި ޔަގީން ނުވެއެވެ.

އިސްރާއިލް ސިފައިންނާއި ޕަލަސްތީނުގެ އާންމުންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުން ދަނީ އަލްއަގްސާ މިސްކިތް ކައިރީގައެވެ. އަދި އިސްރާއިލް ސިފައިން ވަނީ އެ މިސްކިތް މިވަގުތު ވަނީ ބަންދުކޮށްފައިކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.