ސީރިއާގެ ހޮމްސްގެ އަސްކަރީ މަރުކަޒަކަށް އެމެރިކާއިން މިސައިލް ހަމަލާއެއް ދީފިއެވެ.

މިހަމަލާ ދީފައިވަނީ އެމެރިކާއިން ކަމަށް ބެލެވޭއިރު މި އަސްކަރީ މަރުކަޒަށް ވަނީ އަށް މިސައިލް ހަމަލާ ދީފައެވެ. ހަމަލާތަކާއި ގުޅިގެން ސީރިއާގެ ވައިގެ ދިފާއީ ސިފައިން ދަނީ ހަރަކާތް ތެރިވަމުން ކަމަަށް ސިރީއާގެ ދައުލަތުގެ މީޑިއާ "ސަނާ" އިން ރިޕޯޓް ކުރެއެވެ.

އަސްކަރީ މަރުކަޒަށް ހަމަލާ ދިނީ އެމެރިކާ އިން ކަމަށް ސީރިއާ އިން ބުނި ނަމަވެސް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އެކަން ދޮގު ކުރެއެވެ. ޕެންޓަގަން އިން ބުނީ ސީރިއާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދީފައި ނުވާނެ ކަމަށާއި ނަމަވެސް ސީރިއާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.

މި ހަމަލާ ދީފައިވަނީ ސީރިއާގެ އިރުމަތީގެ ޣޫތާ އަށް ދިން ކެމިކަލް ހަމަލާއަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން "ވަރަށް ބޮޑު އަގެއް" ދައްކަން ޖެހޭނެ ކަމަށް ބުނެ ބައްޝާރުގެ ސަރުކާރާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ދީފައިވަނިކޮށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސީރިއާ އަށް އަސްކަރީ ހަމަލާތައް ދިނުމަށް ލަފާ ހޯދުމަށް އެމެރިކާގެ ގައުމީ ސަލާމަތުގެ މަޖިލީހާއި ބައްދަލު ކުރަން ޓްރަމްޕް ގެންދަނީ ތައްޔާރުވަމުންނެވެ.

ކެމިކަލް ހަމަލާ އަށް އިޝާރާތްކޮށް ޓްރަމްޕް ކުރި ޓްވީޓެއްގައި ވަނީ ރަޝިއާ އިން ބައްޝާރުގެ ވެރިކަން ދިފާޢު ކުރާތީ އެކަމަށް ވެސް ރައްދު ދީފައެވެ. ޓްރަމްޕް ބުނީ ބައްޝާރުގެ ވެރިކަން ދިފާޢު ކުރާނީ "ޖަނަވާރުން" ކަމަށެވެ.

ޣޫތާގައި އިއްޔެ ދިން ކެމިކަލް ހަމަލާގައި 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެރިޕޯޓްތަކުގެ ސައްހަ ކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ބުނެއެވެ.

ކެމިކަލް ހަމަލާއެއް ދިން ކަމަށާއި އެހަމަލާގައި ގިނަ ބަޔަކު މަރުވި ކަމަށް ބުނަނީ "ވައިޓް ހެލްމެޓް" އިންނާއި ބައްޝާރުގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން ހިންގާ މީޑިއާތަކުންނެވެ.

އެހެންނަމަވެސް، ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނާ ވާހަކަތައް ސީރިއާ ސަރުކާރުންނާއި ރަޝިއާ އިން ދޮގު ކުރެއެވެ. ސީރިއާގެ ދައުލަތުގެ މީޑިއާ އިން ބުނީ ކެމިކަލް ހަމަލާއެއް ދީފައިވާ ކަމަށް ބުނެ ދައްކަނީ އަސްލު އޮޅުވާލާފައިވާ ވާހަކަތަކެއް ކަމަށެވެ. ރަޝިއާ އިން ބުނީ ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނެ ފަތުރަމުން ދަނީ "ފޭކް ނިއުސް" އެއް ކަމަށެވެ.

ޓްރަމްޕް މިއަދު ވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އަށް ވެސް ފާޑުކިޔާފައެވެ. ޓްރަމްޕް ބުނީ އޮބާމާ ރަތް ރޮނގު ހުރަސް ކުރިނަމަ މިއަދު އޮންނާނީ ސީރިއާގެ މައްސަލަ ހައްލުވެފައި ކަމަށާއި އެހެން ނަމަ މިއަދު ބައްޝާރުލް އަސަދުގެ ވާހަކަ ތާރީޚުގެ ތެރެއަށް ހިނގައި ދާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓްރަމްޕެޓް

    " ޓްރަމްޕު ވިދާޅުވީ ބައްސާރުލް އަސަދަކީ ޖަނަވާރެކޭ " މި ގޮތަށް ވިދާޅުވެފަ އަސަދުގެ އިއްޔެގެ އަނިޔާވެރި ކެމިކަލް ހަމަލާއަށް މިއަދު ރައްދުދެއްވާ 8 މިސައިލް ހަމަލާ އެދިނީ ސީރިޔާގެ ވާއިގެ މަރްކަޒުތަކަކަށް ... ތިޔަބޭފުން ތާއީދު ތޯ ؟