އިނގިރޭސިވިލާތުގެ ލަންޑަންގެ ބޭރުގައި މަޑުކޮށްފައި އޮތް ކޮންޓޭނާ ލޮރީއެއްގެ ތެރެއިން މަރުވެފައިވާ 39 މީހެއްގެ ހަށިގަނޑު ފެނުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު މިއަދު ކޯޓުން ދޫކޮށްލައިފިއެވެ. އެމީހުން ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދޫކޮށްލީ 38 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނެއްގެ އިތުރުން 46 އަހަރުގެ ފިރިހެނެކެވެ. އެހެންކަމުން މިމައްސަލައިގައި މީހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ އެންމެ މީހެކެވެ. އެއީ ލޮރީ ޑްރައިވަރެވެ. ލޮރީ ޑްރައިވަރުގެ މައްޗަށް ވަނީ ގަސްދަކާއި ނުލައި 39 މީހުން މަރާލި ކަމަށް ބުނެ ދައުވާ އުފުލާފައެވެ.

ކަފާލާތުގެ ދަށުން ތިން މީހުން ދޫކޮށްލި ނަމަވެސް އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ. ތިން މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރަނީ އެހެން މީހުންނާއި ބައިވެރިވެގެން އިންސާނީ ވަގުފާރި ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

މުދާ ފިނިކުރަން ތައްޔާރުކޮށްފައި އޮތް ކޮންޓޭނާ ލޮރީގެ ތެރެއިން ފެނިފައި ވަނީ 31 ފިރިހެނަކާއި އަށް އަންހެނެއްގެ ހަށިގަނޑެވެ. އެމީހުންގެ ވަނަވަރު ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރު ގެންދަނީ ކުރަމުންނެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޗައިނާ މީހުންނާއި ވިއެޓްނާމް މީހުން ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފުލުހުން މިހާރު ގެންދަނީ މަރުވެފައިވާ މީހުންގެ ފޯނުތަކުން އެމައްސަލަ އާއި ގުޅުންހުރި ހެއްކެއް ލިބޭތޯ ހުރިހާ ފޯނެއްގައި ހުރި މައުލޫމާތުތައް ދިރާސާ ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަރުވެފައި ތިބި މީހުންތައް ފެނުނު ލޮރީގެ އިތުރުން އިތުރު އެ ލޮރީ އާއި އެކު އަދި އިތުރު ދެ ލޮރީއެއްވެސް މީހުން އަރުވައިގެން އިނގިރޭސިވިލާތައް އެތެރެވެފައި ވެއެވެ. ނަމަވެސް އެރިޕޯޓާއި ގުޅިގެން ފުލުހުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.