ލޮރީއެއްގެ ތެރޭގައި މަރުވެފައި ތިބި 39 މީހުން ފެނުނު ހާދިސާގައި މަރުވި ޓައިވާންގެ 26 އަހަރުގެ ޒުވާނެއް ކަމަށްވާ ޕަމް ތި ޓްރާ މައި އިނގިރޭސިވިލާތައް ދިޔައީ އެނާގެ އާއިލާ އަށް އުފާވެރި، ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް އޭނާގެ ބައްޕަ ބުނެފިއެވެ.

މަރުވި މީހުންގެ ތެރޭގައި ޕަމް ހިމެނޭކަން ރަސްމީ ފަރާތަކުން އަދި ކަށަވަރުކޮށް ނުދިން ނަމަވެސް ޕަމްގެ އާއިލާއަށް މިހާތަނަށް ލިބިފައިވާ މައުލޫމަތައް ބަލާފައި އެއާއިލާ އިން ބުނަނީ މަރުވި މީހުންގެ ތެރޭގައި ޕަމް ހިމެނޭ ކަމަށެވެ.

"އަހަރެންގެ ދަރިފުޅަކީ އެހެން މީހުންދެކެ ލޯބިވުމުގައި ނަމޫނާއެއް. އޭނާ އަބަދުވެސް އިސްކަންދޭނީ އޭނާގެ ކަންކަމަށް ވުރެ ބޮޑަށް އާއިލާއަށް. ޔޫރަޕަށް އެތެރެ ވުމަކީ އުނދަގޫ ދަތުރެއް ކަން އަހަރެމެންނަށް އެނގޭ. އަދި އަންހެނަކަށް އެދަތުރުގެ އުނދަގޫ މާބޮޑު. އަހަރެމެން ބުނިން އެވާހަކަ ދަރިފުޅު ކައިރީ. ނަމަވެސް އޭނާ ބޭނުންވީ އާއިލާއަށްޓަކައި މިކަން ކުރަން." ޕަމްގެ ބައްޕަ ބުންޏެވެ.

ޕަމްގެ ބައްޕަ ކިޔައިދިން ގޮތުގައި އިނގިރޭސިވިލާތައް ދިއުމަށް ޕަމް ދަތުރު ފެށީ އޮކްޓޯބަރ 03 ވަނަ ދުވަހު އެވެ. ފުރަތަމަ އޭނާ ދިޔައީ ޓައިވާނުން ޗައިނާ އަށެވެ. އެއަށް ފަހު ފުރާންސަށެވެ. ޕަމް ވަނީ މިދަތުރަށް 31000 ޕައުންޑް ހަރަދު ކޮށްފައެވެ. އެއީ ޓިކެޓަށާއި ދަތުރު ހަމަޖައްސައިދިން ފަރާތްތަކަށް ދިން ފައިސާއެވެ.

ޕަމް އިނގިރޭސިވިލާތައް ދަތުރުކުރީ ސެލޫނެއްގެ ވަޒީފާ ހޯދާށެވެ. އެއީ މަހެއްގެ މައްޗަށް 1300 ޕައުންޑާއި 2000 ޕައުންޑާއި ދެމެދުގެ އަދަދެއްގެ މުސާރައެއް ލިބޭނެ ވަޒީފާއެކެވެ. ޕަމްގެ އެންމެ ބޮޑު މަޤުޞަދަކަށް ވެފައި އޮތީ އާއިލާގެ ބޮޑު ދަރަންޏެއް ދައްކައިދީ އާއިލާ އަށް އުފާވެރިކަން ހޯދައި ދިނުމެވެ. ނަމަވެސް އެފުރުސަތު ނުލިބި އޭނަ ވަނީ މަރުވެފައެވެ.

މަރުވުމުގެ އިރުކޮޅެއް ކުރިން އޭނާގެ މައިންބަފައިންނަށް ފޮނުވާފައިވާ މެސެޖެއް މީޑިއާތަކުން އާއްމުކޮށްފައި ވާއިރު އެމެސެޖްގައި އޭނާ ބުނެފައި ވަނީ އޭނާ މަރުވަނީ ކަމަށާއި ނޭވައެއް ނުލެވޭ ކަމަށެވެ.

"މަންމަ އާއި ބައްޕަ އަހަރެންނަށް މަޢާފު ކުރޭ. ބޭރު ގައުމަކަށް އަހަރެން ކުރި ދަތުރު ކާމިޔާބެއް ނުވި. އަހަރެން މަންމަ އާއި ބައްޕަ ދެކެ ވަރަށް ލޯބިވޭ. އަހަރެން މި މަރުވަނީ. އަހަރެންނަކަށް ނޭވައެއް ނުލެވޭ." މެސެޖްގައި ބުނެފައި ވެއެވެ.

ލޮރީގެ ތެރެއިން މަރުވެފައިވާ މީހުންތައް ފެނުނު މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށް މިހާރު ވަނީ އެކެއްގެ މައްޗަށް ދައުވާ އުފުލާފައެވެ.