ޓްރަކެއްގެ ތެރޭގައި މަރުވެފައި ތިބި 39 މީހަކުގެ ހަށިގަނޑުގެ ފެނުނު ހާދިސާގެ ތަޙްޤީޤަށް އެއްބަނޑު އެއްބަފާ ދެބެއިން ހޯދަމުން ގެންދާ ކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ފުލުހުން ބުނީ މިދިޔަ ހަފްތާގައި ޓްރަކެއްގެ ތެރެއިން މަރުވެފައި ތިބި ބަޔަކު ފެނުނު ހާދިސާ އާއި ގުޅިގެން ދެބެއިން ހޯދަމުން ގެންދަނީ އިންސާނީ ވަގުފާރި ކުރިކަމަށާއި، ގަސްދަކާއި ނުލައި ބަޔަކު މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުންގެ ތަޙްޤީޤަށް ބޭނުން ވެގެން ހޯދަމުން ގެންދަނީ އުމުރުން 40 އަހަރުގެ ރޮނަން ހަގްސް ނަމަކަށް ކިޔާ މީހަކާއި އޭނާގެ ކޮއްކޮ އުމުރުން 34 އަހަރުގެ ކްރިސްޓޮފާ ހަގްސް ކިޔާ މީހެކެވެ.

39 މީހުންގެ މަރާއި ގުޅިގެން ލޮރީގެ ޑްރައިވަރު ހައްޔަރުކޮށް މިހާރު އޭނާގެ މައްޗަށް ވަނީ ގަސްދަކާއި ނުލައި 39 މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ. އަދި އިތުރު ދައުވާތަކެއް ވެސް އޭނާގެ މައްޗަށް އުފުލަން ޕްރޮސެކިއުޓަރުން ދަނީ ތައްޔާރުވަމުންނެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ލޮރީއެއްގައި އެތައް ބަޔަކު އިނގިރޭސިވިލާތައް އެތެރެ ކުރުމުގެ އަޑީގައި ތިބި މީހުންނަކީ ދުނިޔޭގެ އެތަންމިތަނުން އިންސާނުންގެ ވަގުފާރި ކުރާ ބޮޑު ނެޓްވޯކަކާއި ގުޅިފައިވާ ބައެކެވެ.

މިމައްސަލައިގައި ހައްޔަރުކުރި ތިން މީހަކު މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ނަމަވެސް އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަޙްޤީޤު ކުރިއަށްދާކަމަށް ފުލުހުން ބުނެއެވެ.

ލޮރީގެ ތެރެއިން މަރުވެފައި ތިބި މީހުންނަށް ފެނުނު މައްސަލައިގެ ތަޙްޤީޤާއި ގުޅޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މަރުވެފައިވާ މީހުންގެ އާއިލާތަކުން ބުނާ ގޮތުގައި އެމީހުން އިނގިރޭސިވިލާތައް އެތެރެވުމަށް އެތައް ހާސް ޕައުންޑެއް ދައްކާފައިވެއެވެ.

އިންސާނީ ވަގުފާރި ހުއްޓުވަން ޔޫރަޕްގެ ގައުމުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް ކޮންމެ އަހަރަކު ވެސް ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން އެތައް ހާސް ބަޔަކު ޔޫރަޕަށް އެތެރެވެއެވެ.