ފަރަންސޭސިވިލާތުގެ ރައީސް، އިމެނުއެލް މެކްރޯން ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ޤައުމަށް މިއަދު އަންނާނެއެވެ. މިދަތުރުފުޅުގައި އޭނާ ވަނީ ޗައިނާއާ އެކު ރިކޯޑް އަދަދެއްގެ ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައެވެ. ނަމަވެސް، ފަރަންސޭސި ރައީސްގެ ހައިސިއްޔަތުން، މެކްރޯން، ޔޫރަޕްގެ ގިނަ ޤައުމުތައް އުއްމީދު ކުރި ވަރާ ގާތަށްވެސް އެމީހުންގެ ހައިބަތު ހިފަހައްޓާދީފައި ނުވާ ކަަމަށް ވިލާތުގެ އިއްތިހާދުގެ ބޮޑެތި ބާރުތަކުން ދެކެއެވެ.

ފްރާންސްގެ ރައީސް މިއަދު އެނބުރި ޤައުމަށް އަންނާނީ، އެޤައުމުގެ ތަރައްޤީއާއި ގުޅިފައިވާ ބައެއް މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އެގޮތުން ޗައިނާ ދަތުރުފުޅުގެ ތެރެއިން މެކްރޯން އާއި ޗައިނާގެ ރައީސް، ޝީ ޖިންޕިންގް ވަނީ ދެޤައުމުގެ ދެމެދުގައި 15 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ނަމަވެސް، ޗައިނާގެ ރައީސް އާ އެކު މެކްރޯން މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ޔޫރަޕްގެ ޤައުމުތަކުން އުއްމީދުކުރި ބައެއް މުހިއްމު ކަންކަމާ މެކްރޯންގެ ދަތުރުފުޅުގައި އެއްވެސް ކަހަލަ ގޮތަކަށް މަޝްވަރާ ކުރެވިފައި ނުވާ ކަމަށް ޔޫރަޕްގެ ޤައުމުތަކުން ދެކެއެވެ.

ޔޫރަޕްގެ ބައެއް ބޮޑެތި ކުންފުނިތަކުގެ އަމިއްލަ މަޢުލޫމާތުތަކުން ޗައިނާ ވައްކަން ކުރާ ކަމުގެ ތުހުމަތާއި، ޗައިނާގެ ހުޅަނގުއުތުރުގެ ސަރަޙައްދެއް ކަމަށްވާ 'ޒިއަންޖިއާންގް' ޕްރޮވިންސްގައި ގިނަ އަދަދަކަށް މުސްލިމުން ހައްޔަރުކުރާ މައްސަލައަކީ ޔޫރަޕުން ޗައިނާ އަށް ފާރަވެރިވާ ބޮޑު 2 މައްސަލައެވެ. މި މައްސަލަތަކާމެދު، މެކްރޯންގެ ދަތުރުފުޅުގައި އެއްވެސް ވަރަކަށް އަލިއަޅުވާލެވިފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން އެކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރަން ޗައިނާ އިން އެ ފުރުސަތު އޭނާއަށް ދީފައެއްވެސް ނުވެއެވެ. އެގޮތުން ޗައިނާގެ ސަރުކާރުގެ އޮފިޝަލުން، ފަރަންސޭސި ވަފްދަށް އެ ސުވާލުތައް ކުރިމަތިނުކުރަން އިރުޝާދު ދީފައިވާ ކަމަށްވެއެވެ.

މެކްރޯން ވަނީ މީގެ ކުރިންވެސް ވިލާތުގެ ޤައުމުތައް ރުޅިއަރުވާފައެވެ. އެގޮތުން ޔޫރަޕަށް މީހުން އެތެރެވުމާ ގުޅޭ ބަހުސްގައާއި، އިޓަލީވިލާތުން އަމިއްލަ ބޯޓުޔާޑެއް ޤާއިމްކުރުމާ ވެސް އޭނާ ވަނީ ދެކޮޅު ހަދާފައެވެ. އަދި، ދާދި ފަހުން މެކްރޯން ވަނީ ވިލާތުގެ ޤައުމުތަކުން ރަޝިއާ އާއި ދޭތެރޭގައި ގެންގުޅޭ ވިސްނުން ބަދަލް ކުރުމަށްވެސް ގޮވާލާފައެވެ. ވިލާތުގެ ޤައުމުތަކުން މެކްރޯން އާ ދޭތެރޭ ކުރި އުއްމީދުތައް ފެނަށް ގޮސްފި ކަމަށް ބައިނަލްއަޤްވާމީ ޚަބަރުތައް ދިރާސާކުރާ ބައެއް މާހިރުންވެސް އެއްބަސްވެއެވެ.