ފަލަސްތީނުގެ ސަރުކާރާއި އެހެނިހެން މަޝްރޫއުތަކަށް އެހީތެރި ވުމަށްޓަކައި ޔޫރަޕިއަން ޔޫނިއަން އިން 323 މިލިއަން ޑޮލަރު ފަލަސްތީނު އޮތޯރިޓީ އަށް ހަދިޔާ ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ހާޒިރުގައި، ފަލަސްތީނުގެ މާލީ ވަޒީރާއި، އީޔޫގެ ސަފީރުންނެވެ.

އީޔޫ އިން ދިން މި އެހީ އަކީ، ޣައްޒާއާއި، އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ހުޅަނގު އައްސޭރި އާއި، އިރުމަތީ ޤުދުސް ގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތަކަށް އެހީވުމުގެ ގޮތުން، ސިއްހީ ދާއިރާ އާއި، ދަނޑުވެރިކަމުގެ ދާއިރާ ހިމެނޭ ގޮތަށް، ސަރުކާރާއި އަދި އެހެނިހެން މުހިންމު މަޝްރޫއުތަކަށް ހަރަދު ކުރުމުގެ މަގުސަދުގައި ހަދިޔާ ކުރި ފައިސާއެވެ.

މި ޕެކޭޖުގެ ބޮޑު ބައެއް، 217 މިލިއަން ޑޮލަރަކީ އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ފަލަސްތީނުގެ ސަރަހައްދު ތަކުގައި ސޯޝަލް އެލޮވެންސާއި، މުސާރަ އާއި ޕެންޝަން ދިނުމާއި، ސިއްހީ ހިދުމަތް ތައް ދިނުމަށް ފަލަސްތީނުގެ ސަރުކާރަށް އެހީވުމުގެ ގޮތުން ދީފައިވާ ފައިސާއެވެ.

މީގެ އިތުރުން 32 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރު ކޮށްދިނުމަށް މަޝްރޫއެއް ހިންގިގެން ދާނެއެވެ. ޣައްޒާގެ ފެނުގެ ކޮލިޓީ އާއި، އަދި ބޮލަކަށް ލިބެން ހުންނަ ފެނުގެ މިންވަރުވެސް އުޅެނީ ބައިނަލްއަގުވާމީ މިންގަނޑު ތަކަށް ވުރެ ދަށުގައެވެ.

ފަލަސްތީނުގެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ އީޔޫގެ ސަފީރު، ސެވެން ކުން ވޮން ބާގްސްޑޯފް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި ދުޅަހެޔޮ ކަމަށް އިގުތިޞާދީ، އިޖުތިމާއީ، އަދި ސިޔާސީ އެތައް ގޮންޖެހުމަކާއި ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުން ދާ އިރު، އީޔޫ އަދިވެސް އޮތީ ދެ ދައުލަތުގެ ހައްލަށް ތާއީދު ކުރުމުގެ މަތީގައި ކަމަށެވެ. އަދި އީޔޫ އިން ހިންގާ މަޝްރޫއުތަކުން ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެހީވާނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

ސަފީރު އިތުރަށް ވިދާޅުވީ ޑިމޮކްރެސީގެ އުސޫލުތަކާއި، ގަވާއިދުތަކުގެ މަތިން ހިންގޭ ފަލަސްތީނުގެ ސަރުކާރު ހިންގުމަކީ ގައުމުގެ ސަލާމަތާއި، ސުލްހަ އާއި، ހަމަޖެހުމަށް އެންމެ މުހިންމު ކަންތައް ކަމުގައެވެ. އަދި އެކަން އެގޮތުގައި އޮންނަ ނަމަ، ފަލަސްތީނާއި އިސްރާއީލާއި ދެމެދު ވެފައިވާ އެއްބަސްވުން ތަކަށް އިހުތިރާމު ކުރަން އީޔޫ އިން އަބަދުވެސް ގޮވާލަމުން ގެންދާނެ ކަމަށާއި، ފަލަސްތީނުގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ހުރިހާ ދާއިރާ އަކުން އެހީތެރިކަން ދެމުން ގެންދާނެ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އާއި އިރުމަތީ ޤުދުސްގައި، އީޔޫއިން ފަންޑު ކޮށްގެން، ސުކޫލުތައް ބިނާ ކުރުން ފަދަ މަޝްރޫއުތައް މިހާރުވެސް ހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަނު

    އަލްޙަމްދުލިﷲ...

  2. ޖާނޭ

    ތާކުން ތާކު ނުޖެހޭ އެހީތަކެއް.މާރަގަޅުވީސް އިޒުރޭލު ހުއްޓުވާ ހަމަ ބިމަށް ތިރިކުރުން.

    • މައުލާނާ.

      ތާކުންތާކު ޖެހުނަސް ނުޖެހުނަސް ނިކަމެތިންނަށް އެންމެ އަޅާލަނީ ނަސާރާއިން. އެއީ ޢީސާގެފާނުން އެކަމަށް ބާރު އަޅުއްވާފައިވާލެއް ބޮޑުކަމުން. މިއުންމަތުގެ މާތް ނަބިއްޔާވެސް އެއީ ނިކަމެތިންނަށް އެހީވުމުގައި ދުނިޔެ ދެކެފައި ނުވާފަދަ ލާމަސީލު މިސާލެއް، އެކަމަކު މުސްލިމުން އެކަލޭގެފާނުގެ މިސުންނަތާއި މެދު ވަރަށް ޣާފިލު. އެއީ ދަހިވެތިކަން ބޮޑުވީމަ. އަރަބި ޕުރިންސުންގެ އެކައުންޓުތަކުގައި ބިލިއަނުން ޑޮލަރު ހުއްޓަސް އެވެސް ކާންދޭނީ ޔަހޫދީންނަށް.