ޔުކްރޭނަށް އިތުރަށް ހަތިޔާރު ފޯރުކޮށްދިނުމަށް ޔުކްރޭނުގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ އެދިލައްވާފައިވާ އެދުމަށް، އިތުރު ގައުމުތަކުން އިޖާބަ ދީފިއެވެ.

އެގޮތުން އެމެރިކާއިން ވަނީ އަސްކަރީ އުޅަނދުތަކާއި، އެއާ މިސައިލުން ދިފާއުވާ ނިޒާމުތައް ހިމެނޭހެން، 2.5 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ޔުކްރޭނަށް ފޮނުވާނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވަނީ އެމީހުންގެ އަމިއްލަ ޕެކޭޖުތަކެއް ޔުކްރޭނަށް ފޯރުކޮށްދޭން ވައުދުވެފައެވެ.

ގައުމުތަކުން މިގޮތަށް އިއުލާން ކޮށްފައި މިވަނީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަށް، 50 ގައުމަކުން، މިއަދު ޖަރުމަނުގައި ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނިކޮށެވެ.

އިއްޔެ އެސްޓޯނިއާގައި ބޭއްވި ބައްދަލުވުމެއްގައި 11 ގައުމެއްގެ ސަފީރުން ވަނީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަށް މަޝްވަރާ ކޮށްފައެވެ. އޭގެ ތެރެއިން 9 ގައުމުން ވަނީ ހަތިޔާރު ފޯރުކޮށްދޭން ވައުދުވެފައެވެ.

އެގޮތުން އިނގިރޭސިވިލާތުން 600 ބްރިމްސްޓޯން މިސައިލްގެ ޕެކޭޖެއް ހިމެނޭހެން، ޑެންމާކް، އެސްޓޯނިއާ، ލެޓްވިއާ، ލިތުއޭނިއާ، ޕޮލެންޑް. ޗެކް ރިޕަބްލިކް، އަދި ނެދަލެންޑްސް އިން ވަނީ ޔުކްރޭނަށް ހަތިޔާރު ފޯރު ކޮށްދޭނެކަމަށް ބުނެފައެވެ.

މިއަދު ބާއްވާ ބައްދަލުވުމުގައި އިތުރަށް ހަތިޔާރު ފޯރުކޮށްދިނުމަށް މުހިންމު ނިންމުންތަކެއް ނިންމިގެންދާނެކަމުގައި، އަދި އެމެރިކާއިން "ވަރުގަދަ އަސްކަރީ އެހީގެ ޕެކޭޖެއް" ލިބޭނެ ކަމުގައި އުންމީދުކުރައްވާ ކަމަށް ރައީސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން މިހާރު އިއުލާނު ކޮށްފައިވާ ޕެކޭޖުގައި ޔުކްރޭނުން އެދެމުންދާ ހެވީ ޓޭންކުތަކެއް ނުހިމެނެއެެވެ. ޖަރުމަނުން އުފައްދާ ލެޕާޑް ޓޭންކްތައް ހަނގުރާމައިގެ ކުރީ ސަފަށް ފޮނުވުމަށް ޔުކްރޭނުން ދަނީ އެދެމުންނެވެ.

ޖަރުމަނުގެ ޗާންސެލަރ އޯލަފް ޝޯލްޒް އަށް ދަނީ މި ޓޭންކުތައް ފޯރުކޮށްދިނުމަށާއި، އަދި ޓޭންކުތައް ފޮނުވުމަށް އެހެން ގައުމުތަކަށް ހުއްދަ ދިނުމަށް، އެތެރޭގެ އަދި ބޭރުގެ ޕްރެޝަރުވެސް ބޮޑުވަމުންނެވެ. ނަމަވެސް މި ޓޭންކުތައް ފޮނުވަން އަދި މިހާތަނަށް ޝޯލްޒް ފެންނަނީ ޖެހިލުންވެފައިވާތަނެވެ.

ޕޮލެންޑާއި ފިންލެންޑުން މި ޓޭންކުތައް ފޮނުވަން ނިންމާފައިވީ ނަމަވެސް، ރީ-އެކްސްޕޯޓު ކުރަން ޖަރުމަނުގެ ހުއްދަ ބޭނުންވާނެއެވެ.

އެހެން ކަމުން މިއަދުގެ ބައްދަލުވުމުގައި މި މިއްސަލައާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިގެން ދާނެކަމަށް ބެލެވެއެވެ.

ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ހަނގުރާމަ އިތުރަށް ނުރައްކާވެގެންދާނެ ކަމެއް ކަމުގައި ރަޝިއާއިން ވަނީ ތަކުރާރު ކޮށް އިންޒާރު ދީފައެވެ. އަދި ޓޭންކުތައް ފޮނުވައިފިނަމަ، އެ ޓޭންކުތައްވެސް އަނދައިގެން ދާނެ ކަމަށްވެސް ރަޝިއާއިން ވަނީ ބުނެފައެވެ.

ރަޝިއާއިން އިއްޔެ ބުނެފައިވަނީ ރަޝިއާގެ ސަރަހައްދަށް ހަމަލާ ދެވޭ ފަދަ ބަރު ހަތިޔާރުތައް ފޮނުވުން ބެލެވޭނީ ހަނގުރާމަ އިތުރަށް ފުޅާކުރުން ކަމުގައެވެ. އަދި އެކަމުން ހަނގުރާމަ މުޅިން ތަފާތު ދަރަޖައަކަށް ދާނެ ކަމަށް ރަޝިއާގެ ތަރުޖަމާނު ދިމީޓްރީ ޕެސްކޮވް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ފެންރުއަރީ މަހު ރަޝިއާއިން ޔުކްރޭނުގައި ފެށި މި ހަނގުރާމައިގައި އެންމެ ގިނަ އަދަދެއްގެ އެހީ ދީފައިވަނީ އެމެރިކާއިންނެވެ. މިހާތަނަށް އެމެރިކާއިން ވަނީ ޔުކްރޭނަށް 26.7 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ހަމަ ގެންނައިރަށް ފުނޑާލާ ، އެމެރިކާގެ ހީލަތްތެރި ކަންތީ

    7
    1
  2. ޢަލީ

    ރަޝިޔާ ލައްވާ ތިންވަަނަބޮޑު ހަނގުރާމަ ފަށުވަން ބޭނުންވާބަޔަކު އެބަތިބި.

    8
    1