އިރާނުގެ ނިއުކްލިއަރ އެއްބަސްވުން އަލުން އިއާދަކުރުމުގެ މަޝްވަރާތަކާއި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތެއް، އީޔޫއާއި އިރާންގެ ފޮރިން ޕޮލިސީ ތަމްސީލު ކުރައްވާ އިސް އޮފިޝަލުން ދެއްވައިފިއެވެ.

ޖޯޑަން ގައި މިހާރު ކުރިއަށްދާ ސަރަހައްދީ ބައްދަލުވުމެއްގެ ބޭރުން އިރާންގެ ހާރިޖީ ވަޒީރު ހުސެއިން އަމީރު އަބްދުއްލާހިއަން އާއި ޔޫރަޕް އިއްތިހާދު (އީޔޫ) ގެ ފޮރިން ޕޮލިސީގެ ޗީފް ޖޯސެޕް ބޮރެލް ވަނީ ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރައްވާފައެވެ. ބޮރެލް ވިދާޅުވީ އިރާނާއި އީޔޫގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވަމުންދާ ދަނޑިވަޅެއްގައި މިއީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި، އިރާންގެ ނިއުކްލިއަރ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ އަލީ ބަގޭރީ ކާނީ އާއި އީޔޫގެ ކޯޑިނޭޓަރު އެންރީކޭ މޯރާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިރާންގެ ނިއުކްލިއަރ އެއްބަސްވުމުގެ މަޝްވަރާތައް ފެށޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަދި ނެތްނަމަވެސް ބޮރެލް ވިދާޅުވީ 2015 ވަނަ އަހަރު ވެވުނު ނިއުކްލިއަރ އެއްބަސްވުން އިރާނާއެކު އަލުން އިއާދަ ކުރުމުގެ މަސައްކަތް އީޔޫ އިން ކުރިއަށް ގެންދާނެ ކަމަށެވެ.

ވިއެނާގެ މަޝްވަރާތަކަށް ބިނާކޮށް ނިއުކްލިއަރ އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިރާނާއެކު އެއްބަސްވެފައިވާ ކަމަށްވެސް ބޮރެލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

2018 ވަނަ އަހަރު އެމެރިކާއިން އަމިއްލައަށް ބޭރުވެފައިވާ މި އެއްބަސްވުން އަލުން އިއާދަކުރުމުގެ މަޝްވަރާތައް ވިއެނާ ގައި ކުރަން ފެށުނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. ނަމަވެސް އިރާނުން މާ ބޮޑެތި ޝަރުތުތައް ކުރަނީ ކަމަށް ހުޅަނގުން ބުނެ، މިއަހަރުގެ ސެޕްޓްބަރު މަހު މި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އިރާނުން ރަޝިއާއަށް އަސްކަރީ އެހީ ދިނުމާއި، އެގައުުގެ އެތެރޭގައި ބާރުގެ ބޭނުން ކޮށްގެން މީހުންގެ އަޑުމަޑުކުރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށްވެސް ބޮރެލް ވިދާޅުވިއެވެ.

އިރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެގައުމުން އެކަށީގެންނުވާ ބާރުގެ ބޭނުން ކުރާތީ އާއި، ޔުކްރޭނުގެ ހަނގުރާމައަށް ރަޝިއާއަށް ޑްރޯނު ފޯރުކޮށްދޭތީ ކަމަށް ބުނެ އީޔޫއިންނާއި އެމެރިކާއިން އިން ވަނީ އިރާނާއި ދެކޮޅަށް އެތައް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެގައުމުގައި ކުރަމުންދާ މުޒާހަރާތަކާއި މި ފިޔަވަޅުތަކުގެ ސަބަބުން މި މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދެވި ނަތީޖާއެއް ނެރެވުމުގެ ފުރުސަތު ވަނީ ކުޑަވެފައެވެ.

އޭގެ އަނެއްކޮޅުން އިރާނުގެ ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ ހުޅަނގުގެ ގައުމުތައް ކަމަށް ބުނެ އިރާނުންވެސް ވަނީ އީޔޫ، އެމެރިކާ، އަދި އިނގިރޭވިލާތާއި ދެކޮޅަށް ފިޔަވަޅުތައް އަޅާފައެވެ.

ނަމަވެސް މި މަހުގެ ކުރީކޮޅު ބޮރެލް ވިދާޅުވެފައިވަނީ މުޒާހަރާތަކާއި ރަޝިއާ-ޔުކްރޭނުގެ މައްސަލައާއި ނިއުކްލިއަރ އެއްބަސްވުމުގެ މައްސަލަ އޮންނަން ޖެހޭނީ ވަކިކުރެވިފައި ކަމަށެވެ. އިރާނުން ނިއުކްލިއަރ ހަތިޔާރު ނުއުފައްދާނެކަން ކަށަވަރު ކުރުމަށްޓަކައި މި އެއްބަސްވުމަށްވުރެ ރަނގަޅު އިހުތިޔާރެއް ނެތް ކަމަށްވެސް އީޔޫއިން ބުނެފައި ވެއެވެ.

އިއްޔެގެ ބައްދަލުވުމަށްފަހު އިރާނުގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ "އެތައް މަސްދުވަހެއްގެ އުނދަގޫ އަދި ބުރަ މަޝްވަރާތަކެއްގެ ނަތީޖާއަކުން އެކުލަވާލެވުނު ޑްރާފްޓަކަށް ބިނާކޮށް" އިރާނުން ނިއުކްލިއަރ މަޝްވަރާތައް ކުަރަން ތައްޔާރުކަމަށް ހާރިޖީ ވަޒީރު އަބްދުއްލާހިއަން ވިދާޅުވެފައިވާ ކަމަށެވެ.