ސީރިޔާގައި ދިން ކެމިކަލް ޙަމަލާ އާއި ގުޅިގެން ސިރިއާގެ ރައީސް ބައްޝާރުގެ ވެރިކަމާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޓްރަންޕް ދިން އިންޒާރާއެކު ސީރިއާ ސިފައިން ތައްޔާރީ ހާލަތަށް އައިސްފިއެވެ.

ޓްރަންޕުގެ މި އިންޒާރާއެކު ސީރިއާ ސަރުކާރުން ވަނީ އެގައުމުގެ ސިފައިން އެލާޓަށް ގެނެސްފައެވެ.

މީޑިއާ ރިޕޯޓުތަށް ބުނާގޮތުގައި ކުރިއަށް އޮތް 72 ގަޑި އިރު ތެރޭ އެމެރިކާ އިސްވެ އޮވެ ފުރާންސް އަދި އިގިރޭސިވިލާތް ހިމެނޭ ގޮތަށް ސީރިއާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ދަނީ ތައްޔާރުވަމުންނެވެ.

ޓްރަމްޕް ބުނީ ސީރިއާގެ އިރުމަތީ ޣޫތާގެ ދޫމާގައި މިދިޔަ ހޮނިހިރު ދުވަހު ކެމިކަލް ހަމަލާއެއް ދިނީ ކޮން ބައެއްކަން އެމެރިކާއަށް މިހާރު ސާފުވަމުން އަންނަ ކަމަށާއި ވަރުގަދަ ރައްދެށް ދޭނެ ކަމަށެވެ.

ކެމިކަލް ހަމަލާ ދިން މައްސަލައާ ގުޅިގެން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އެމެރިކާ އާއި ރަޝިޔާ އިން ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.

ރަޝިއާއިން ބުނަނީ ކެމިކަލް ހަމަލާ އަކީ ރޭވުމެއް ކަމަށާއި އެކަމާ ގުޅިގެން އެމެރިކާ އިން އަޅާ އަސްކަރީ ފިޔަވަޅެއްގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ.

ރައްދުގައި އެމެރިކާގެ ސަފީރު ނިއްކީ ހޭލީ ވަނީ ރަޝިޔާގެ އަތުގައި ސީރިއާގެ ކުޑަ ކުދިންގެ ލޭ ވާ ކަމަށް ބުނެފައެވެ. އަދި ސީރިއާގެ ރައީސް އަސަދަކީ "ފުރޭތައެއް"ގެ ގޮތުގައި އޭނާ ވަނީ ސިފަ ކޮށްފައެވެ.

އޫތާގައި މިދިޔަ ހޮނިހިރު ދުވަހު ދިން ކެމިކަލް ޙަމަލާގައި 70 އަށް ވުރެ ގިނަ މީހުން މަރުވެ ހާހެއްހައި ޢާންމުންނަށް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުންދާއިރު، އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސްވުމުން، ޙަމަލާގައި މަރުވި މީހުންގެ ޢަދަދު އިތުރުވުމުގެ ފުރުސަތު އޮތްކަމަށް އޮފިޝަލުންނާއި ޙަވާލާދީ މީޑިއާތަކުން ބުނެއެވެ.

އޫތާގައި ކެމިކަލް ޙަމަލާއެއް ދީފައިވާއިރު، އެވާހަކަތައް ސީރިއާ ސަރުކާރުންނާއި ރަޝިއާ އިން ދޮގު ކުރެއެވެ.

އެމެރިކާއިން ހުށަހެޅި ޤަރާރު ރަޝިޔާއިން ވީޓޯކުރިއިރު، އޫތާ އަށް ދިން ކެމިކަލް ހަމަލާއަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން "ވަރަށް ބޮޑު އަގެއް" ދައްކަން ޖެހޭނެ ކަމަށް ބުނެ ބައްޝާރުގެ ސަރުކާރަށް އެމެރިކާއިން ވަނީ ވަރުގަދަ އިންޒާރުތަކެއްވެސް ދީފައެވެ.

ސީރިޔާގެ ސަރުކާރަށް ހިއްވަރުދީ، ބައްޝާރުގެ ސަރުކާރަށް ރަޝިޔާ ސިފައިން ހިމާޔަތް ދެމުން އަންނާތީ އާއި އެޤައުމުގެ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކަށް ރަޝިޔާއިން މަގުފަހިކޮށްދޭ ކަމަށް ބުނެ މީގެ ކުރިންވެސް އެމެރިކާއިން ވަނީ ނުރުހުން ފާޅުކޮށް ރަޝިޔާއާއި ދެކޮޅަށް ބަސް ބުނެފައެވެ.

ހޮނިހިރު ދުވަހުގެ ޙަމަލާއާއި ގުޅިގެން އެމެރިކާއިން އދ. އަށް ޤަރާރެއް ހުށަހަޅިއިރު، ޢާންމު ގޮތެއްގައި އދ. ގައި ވީޓޯގެ ބާރު ބޭނުންކުރަނީ ޤައުމުތަކަށް ޤަތުލު ޢާންމު ހިންގަން ބާރުގަދަ ޤައުމުތަކުން ދޭ ހުއްދައެއްގެ ގޮތުގައެވެ.

ސީރިޔާގެ މައްސަލައިގައި ރަޝިޔާއިން ވީޓޯގެ ބާރު ބޭނުންކުރާއިރު، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޤަތުލު ޢާންމުތައް ކުއްވެރިކުރުމަށާއި ތަހުޤީޤުކުރުމަށް ޤަރާރެއް ހުށަހަޅައިފިނަމަ، އިސްރާއީލަށް ވާގިވެރިވެ އެމެރިކާއިން ވީޓޯ ކުރާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުވަހަކުވެސް އެމެރިކާއަށާއި އިނގިރޭސީންނަށް ތާއީދެއް ނުކުރާނަން.

  2. އެމެރިކާއައް ފަލަސްތީނުގެ ކުށެއްނެތް ރައްޔަތުން ޔަހޫދީ ޒަޔަނިސްޓް އިޒުރޭލުން މަރަމުން ދާއިރު އެއްވެސް މައްސަލައެއް ނެތް..ޑަމްޕަރު އައް ކަންތައް ބޮޑުވީ އެމެރިކާއިން ވާގިވެރިވާ ބަޔަކު މަރުވުމުން..ޑަމްޕަރޭ އައް ވ ސަލާމްބުނި ގެރިމޯދީ..