ބޭ އޮފް ބެންގާލްގައި އުފެދުނު ބާރުގަދަ ތޫފާން، "ތޫފާން ބުލްބުލް"ގެ ނުރައްކާ ކުރިމަތިވެފައިވާ ބަންގްލަދޭޝްގެ އައްސޭރީގެ ސަރަޙައްދުތަކުން ބައިމިލިއަނެއްހާ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފިއެވެ.

މިރޭގެ ވަގުތެއްގައި "ބުލްބުލް" ބަންގްލަދޭޝްގެ ހުޅަނގު އައްސޭރީގެ ސަރަޙައްދުތަކަށް އަރާނެ ކަމަށް ބެލެވިފައިވާއިރު، މި ތޫފާން ބަންގްލަދޭޝް އަށް މިސްރާބު ޖަހާފައި ވަނީ ތޫފާނުގެ ބާރު އިތުރަށް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ކުރިންވެސް މި ތޫފާނުގެ ނުރައްކާ ބަންގްލަދޭޝްގެ ބައެއް ހިސާބުތަކަށް ކުރިމަތިވެފައި އޮތްއިރު، ތޫފާން ކުރިން ދައުރުވަމުން ދިޔައީ ކަނޑުގެ ސަރަޙައްދުގައެވެ.

މި ތޫފާން މިރޭ ބަންގްލަދޭޝް އަށް އަރާނެ ކަމަށް އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިންވެސް ލަފާކޮށްފައިވާއިރު، ތޫފާނުގެ ނުރައްކާ ކުޑަކުރުމަށް އެޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް މިނިސްޓްރީގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާ މީހުންނަށް ވަގުތީ ހިޔާތައް ޤާއިމްކޮށް، ސިއްޚީ ޚިދުމަތް ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.

ބަންގްލަދޭޝްގެ މޫސުމާއި ބެހޭ އިދާރާއިން މިއަދު ހަވީރު ބުނެފައިވަނީ، ތޫފާން ދައުރުވަމުން ދަނީ އެޤައުމުގެ ހުޅަނގު އައްސޭރިން 200 ކިލޯމީޓަރު ދުރުން ކަމަށެވެ. އަދި އޭރު ތޫފާން ދަތުރު ކުރަމުން ދިޔައީ ގަޑިއަކު 15 ކިލޯމީޓަރާއި 20 ކިލޯމީޓަރާއި ދެމެދުގެ ބާރުމިނެއްގައި އެޤައުމުގެ އައްސޭރިއާއި ދިމާލަށް ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

"ތޫފާން ބުލްބުލް"ގެ ނުރައްކާ ބަންގްލަދޭޝް އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެޤައުމުގެ މައި އެއާޕޯޓެއް ކަމަށްވާ ޗިޓަގޮންގް އެއާޕޯޓު ވަނީ ވަގުތީ ގޮތުން ބޭނުން ކުރުން ހުއްޓާލާފައެވެ. މި ތޫފާން ބްންގްލަދޭޝްގެ އައްސޭރިއަށް އަރާ ވަގުތު، އައްސޭރީގެ ސަރަޙައްދުތަކަށް އުސްމިނުގައި 5 ފޫޓާއި 7 ފޫޓާއި ދެމެދުގެ ގެއްލުންބޮޑު ރާޅުތައް އަރާނެ ކަމަށް އިދާރާތަކުން ލަފާކުރެއެވެ.

މި ސަރަޙައްދުގެ މޫސުން މޮނިޓާކުރާ އިދާރާތަކުން ބުނާގޮތުގައި "ތޫފާން ބުލްބުލް" ގައި ގަޑިއަކު 110 ކިލޯމީޓަރާއި 120 ކިލޯމީޓަރާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. މި ތޫފާނުގެ ނުރައްކަލަށް އިންޑިއާގެ ކަލްކަޓާ އެއާޕޯޓުވެސް ވަނީ ވަގުތޫ ގޮތުން ބަންދުކޮށްފައެވެ.