ބޮލީވިއާގެ ރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެން އެގައުމުގެ ވަގުތީ ރައީސްކަމާއި ހަވާލުވެފައިވާ ކަން ސެނެޓުގައި އެންމެ އިސް މެންބަރު ޖެނީން އަންޔޭސް ވިދާޅުވެއްޖެއެވެ.

ބޮލީވިއާގެ ރައްޔިތުން އެގައުމުގެ ރައީސް އީވޯ މޮރަލެސްއާއި ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަތާ ދުވަސްކޮޅެއްވީ ފަހުން އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދީފައެވެ. އަދި އޭނާގެ ފަހުން އެގައުމުގެ ނައިބު ރައީސްގެ އިތުރުން ސެނެޓުގެ ލީޑަރުވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އަންޔޭސް ވިދާޅުވީ، އޭނާ ވެރިކަމާއި ހަވާލުވެވަޑައިގަތީ އެމަގާމުގައި އިތުރު ބޭފުޅަކު ނެތުމުން ކަމަށެވެ.

"ބޮލީވިއާގައި ރައީސަކާއި ނައިބު ރައީސް އަކު ނެތުމުން ވެރިކަމާއި ހަވާލުވީ ގާނޫނު އަސާސީގެ ދަށުން" އަންޔޭސް ވިދާޅުވިއެވެ.

މޮރަލެސްއަށް ތާއިދު ކުރައްވާ ގިނަ ބަޔަކު ވަނީ އަންޔޭސް ރައީސް ކަމާއި ހަވާލުވެ ވަޑައިގަތުމުން ސެނެޓްގައި އެކަމާއި ދެކޮޅަށް އިހްތިޖާޖް ކޮށްފައެވެ. އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި އަންޔޭސް ވެރިކަމާއި ހަވާލުވީ ޤާނޫނާއި ހިލާފަށެވެ. ނަމަވެސް އަންޔޭސް ރައީސް ކަމުގައި ދެމިހުރެވޭނެ ކަމަށް ބޮލީވިއާގެ އެންމެ މަތީކޯޓުން ވަނީ ނިންމާފައެވެ.

އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު ބޮލީވިއާގައި އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ މޮރަލްސް ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ނަމަވެސް އާއްމު ރައްޔިތުން ވަނީ އެނަތީޖާ ގަބޫލުނުކޮށް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައެވެ.

ބޮލީވިއާގެ ސަރުކާރާއި ދެކޮޅަށް ހިނގަމުންދާ މުޒާހަރާތައް ހޫނުވެ ފާއިތުވި ހަފްތާގައި ވަނީ ބައެއް ވަޒީރުންގެ ގެކޮޅަށް ވެސް ގެއްލުން ދީފައެވެ.

މޮރަލެސް ވަނީ އެގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ވިލިއަމްސް ކަލިމަން އިސްތިއުފާ ދެއްވުމަށް ގޮވާލުމުން އެއީ ބަޣާވާތެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެޑްވަޑް ބާމުންޑޭ

    އެޤައުމެއްގެ ވެރިޔަކަށް އަންހެނަކު ހުންނަ ތަނެއް ކުރިޔަކަށް ނާރާނެ. (ހަދީސް)