ބޮލީވިއާގެ ނައިބު ރައީސް ޑޭވިޑް ޗޮކުއެހުއާންކާ ތިންވަނަ ފަހަރަށް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނައިބު ރައީސް ޑޭވިޑް ޗޮކުއެހުއާންކާ އަށް ކޮވިޑް ޖެހިވަޑައިގެން މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. އެގައުމުގެ ސަރުކާރުން ބުނީ އެގައުމުގެ ހަ ވަޒީރަކަށް ވެސް ކޮވިޑް ޖެހުނު ކަމަށެވެ.

ކޮވިޑަށް ފައްސިވި ހުރިހާ އެންމެން ވެސް އެކަހެރިކޮށްފައިވާ އިރު އެމީހުންގެ ފަރާތުން ބަލީގެ މާ ބޮޑު އަލާމާތެއް ނުފެންނަ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. ފައްސިވި ހުރިހާ އެންމެން ވެސް ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ވެކްސިން ޖެހިއިރު ކޮންމެ މީހަކު ވެސް ޖެހީ އެންމެ ޑޯޒެކެވެ.

ފާއިތުވި މަހު ބޮލީވިއާގެ ނައިބު ރައީސް ވަނީ ދެ ފަހަރެއްގެ މަތިން ކޮވިޑު ޖެހުނުކަން ހާމަކޮށްފައެވެ. އަދި ކޮންމެ ފަހަރަކުވެސް އަމިއްލައަށް ތައްޔާރުކުރާ ބޭހެއް ބޭނުންކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ބޭސް ތައްޔާރުކުރާ ގޮތް ކިޔައި ދެއްވަމުން ޗޮކުއެހުއާންކާ ވިދާޅުވީ ރީނދޫ، އިނގުރު، ފިޔާ، ލޮނުމެދު އަދި މާމުއި އެއްކޮށްގެން ބޯލަނީ ކަމަށެވެ. މީގެ އިތުރުން ލުނބޯ އާއެކު މާމުއި އެއްކޮށްގެން ބޯކަމަށް އޭނާ ވިދާޅުވިއެވެ.

ބޮލީވިއާގައި މިހާތަނަށް 686،000 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އެ ގައުމުގެ 12 މިލިއަނެއްހާ މީހުންގެ ތެރެއިން 20،000 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ކޮވިޑްގެ އާ ވައްތަރުތައް ފެތުރެމުންދާތީ ގައުމުތަކުން ދަނީ ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.