އިންތިޚާބު އޮޅުވާލި ކަމުގެ ތުހުމަތު ކުރެވި ބޮޑު ޕްރެޝަރެއްގެ ތެރެއަށް ވެއްޓިފައިވާ ބޮލީވިއާގެ ރައީސް އެވޯ މޮރަލްސް ގޮތް ހުސްވުމުން އެންމެފަހުން ރައީސްކަމުން އިސްތިއުފާ ދޭނެ ކަން އިއުލާން ކޮށްފިއެވެ.

އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު ބޮލީވިއާގައި އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ މޮރަލްސް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ނަމަވެސް އާއްމު ރައްޔިތުން ވަނީ އެނަތީޖާ ގަބޫލުނުކޮށް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައެވެ.

މޮރަލްސް އާއި އިންތިޚާބުގައި ވާދަކުރީ ކުރިން ބޮލީވިއާގެ ރައީސް ކަމާއި ނައިބު ރައީސް ކަން ވެސް ކުރައްވާފައިވާ ކާލޮސް މެސާ އެވެ.

މުޒާހަރާ ކުރަމުންދާ ފަރާތްތައް މައިތިރި ކުރުމަށްޓަކައި މޮރަލްސް ފުރަތަމަ މަސައްކަތް ކުރެއްވީ އޮކްޓޫބަރ މަހު އޮތް އިންތިޚާބު ބާތިލް ކުރުމަށް ފަހު އަލުން އިންތިޚާބު ބާއްވާށެވެ. ނަމަވެސް އެއީ މިހާރު އުފެދިފައިވާ ހަލަބޮލިކަމަށް ނިމުން އަންނާނެ ކަމަކަށް ނުވާތީ އެންމެފަހުން ނިންމެވީ އިސްތިއުފާ ދޭށެވެ.

މޮރަލްސް އިސްތިއުފާ ދޭން ނިންމި ނަމަވެސް ޖަނަވަރީ މަހު އޭނާގެ ދައުރު ހަމަވަންދެން ވެރިކަމުގައި ބެހެއްޓުމަށް މިހާރު އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޮރަލްސް އިސްތިއުފާ ދޭނެކަން އިއުލާން ކުރުމާއި އެކު އޭނާގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ވެސް މިހާރު ގެންދަވަނީ އެބޭފުޅުން ތިއްބެވި މަގާމުތަކުން އިސްތިއުފާ ދެއްވަމުންނެވެ.

ބޮލީވިއާގެ ސަރުކާރާއި ދެކޮޅަށް ހިނގަމުންދާ މުޒާހަރާތައް ހޫނުވެ ފާއިތުވި ހަފްތާގައި ވަނީ ބައެއް ވަޒީރުންގެ ގެކޮޅަށް ވެސް ގެއްލުން ދީފައެވެ.