އަވައްޓެރި ސްރީލަންކާގައި މިއަދު ކުރިޔަށްދާ އެޤައުމުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދަނިކޮށް، ވޯޓް ސްޓޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ 50 އޮފިޝަލެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ލަންކާގެ ނޫސްތައް ބުނާގޮތުގައި ޑިއުޓީ އަދާކުރަމުންދިޔަ ގިނަ އަދަދެއްގެ އޮފިޝަލުންގެ ހާލު ކުއްލި ގޮތަކަށް ގޯސްވީ ކާނާވިހަވެގެން ކަމަށް ބެލެވޭ ކަމަށެވެ. މި ހާދިސާގައި ފަރުވާދޭ މީހުންގެ އަދަދު އިތުރުވުންވެސް އެކަށީގެންވާ ކަމަށް ނޫސްތައް ބުނެއެވެ.

ނޫސްތަކުގައި ވާގޮތުން ފަރުވާދެމުންދަނީ، ލަންކާގެ ވެރިކަންކުރާ ކޮލަމްބޯގެ ރޯޔަލް ކޮލެޖްގައި، ވޯޓު ގުނުމަށް ތައްޔާރުކޮށްފައިވާ ސްޓޭޝަނުގައި ހަރަކާތްތެރިވަމުންދިޔަ އޮފިޝަލުންތަނަކަށެވެ. ނަމަވެސް އެމީހުންގެ ހާލާއި ގުޅޭގޮތުން އަދި އިދާރާތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ސްރީލަންކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ޖުމްލަ 35 ކެނޑިޑޭޓުން ވާދަކުރައްވައެވެ. މިއީ، 2010 ވަނަ އަހަރަށްފަހު މިހާ ގިނަ ކެނޑިޑޭޓުން އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މި އިންތިހާބުގައި 16 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މި އިންތިހާބުގައި އެންމެ އެންމެ ވާދަވެރިކޮށް އުޅެނީ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ އާއި އެގައުމުގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސްގެ އިތުރުން ލަންކާގެ ކޮމިއުނިސްޓް ޕާޓީއެއް ކަމަށްވާ، ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ލީޑަރު، އަނޫރަ ކުމާރަ ޑިސާނާޔަކަ އެވެ.

ކިޔުންތެރިންގެ ހިޔާލު