ސްރީލަންކާގައި މީގެ 2 ދުވަސް ކުރިން ބޭއްވި އެޤައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ގޮޓަބަޔާ ރާޖަޕަކްސަ، ވެރިކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

ގޮޓަބަޔާ ވެގެން ގޮސްފައިވަނީ މީގެ ކުރިން އަސްކަރިއްޔާގެ އޮފިސަރެއްގެ ގޮތުގައި ހުރެފައި، އެޤައުމުގައި ވެރިކަން ކުރައްވާ އެންމެ ފުރަތަމަ ރައީސް އަށެވެ. ގޮޓަބަޔާ ވެރިކަމުގެ ހުވާކޮށްފައިވަނީ އެޤައުމުގެ މެދުތެރޭ އަނޫރާދަޕޫރާގެ '140 ބީސީ ރުވަންވެލި ސެޔާ' ބުޑިސްޓު ފައްޅީގައެވެ. ވެރިކަމުގެ ހުވާ ލައިދިނީ ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު، ޖަޔަންތާ ޖަޔަސޫރިޔާ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންނާ މުޚާތަބުކުރައްވަމުން، ގޮޓަބަޔާ ވަނީ އިންތިޚާބުގައި އޭނާއަށް ވޯޓުދެއްވި ހުރިހާ އެންމެންނަށް ޝުކުރު ދަންނަވާފައެވެ. އަދި އޭނާއަށް ވޯޓު ނުދެއްވާ ރައްޔިތުންވެސް އޭނާގެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަތެވެ. ގޮޓަބަޔާ ވިދާޅުވީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޤައުމީ ސަލާމަތަށާއި، ހަމަޖެހުން ގާއިމްކުރުމަށް ކަމަށެވެ. އޭނާގެ ޚާރިޖީ ސިޔާސަތަކަށް ވާނީ އެއްވެސް ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި، ހުރިހާ ޤައުމަކާއިވެސް ގުޅުން ބަދަހިކުރުމަށް ކަމަށް ގޮޓަބަޔާ ވިދާޅުވިއެވެ.

"މުޖުތަމަޢަށް ނަމޫނާ ދައްކަން ޖެހޭ ފަރާތަކީ ސަރުކާރުތައް. ޒިންމާދާރުކަމާއެކު ނަތީޖާ ނެރުމަކީ ސަރުކާރުތަކުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭން ޖެހޭ ކަންތައް، މަޤާމުތަކަށް އެކަށީގެންވާ މީހުން މަޤާމްތަކުގައި ތިބެން ޖެހޭ، ޓެކްނޮލޮޖީ ކުރިއަރުވަން ޖެހޭ، ކޮރަޕްޝަނަށް އަހަރެންގެ ސަރުކާރަކުން އެއްވެސް ގޮތަކަށް ޖާގައެއް ނުދޭނަން." ގޮޓަބަޔާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ވާދަވެރި އިންތިޚާބުން ގޮޓަބަޔާ ރާޖަޕަކްސަ، ސަޖިތް ޕްރެމަދާސާގެ މައްޗަށް ކުރިހޯއްދެވީ 1.4 މިލިއަނެއްހާ ވޯޓުގެ ތަފާތުންނެވެ. މި އިންތިޚާބުގައި ގޮޓަބަޔާ އަށް 6.92 މިލިއަނަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތް އިރު، ސަޖިތް އަށް ލިބިފައިވަނީ 5.6 މިލިއަނެއްހާ ވޯޓެވެ. ގޮޓަބަޔާ އަށް ސިންހަލަ ރައްޔިތުންގެ މެޖޯރިޓީ އޮންނަ ލަންކާގެ ގިނަ ސަރަޙައްދުތަކުން ކުރި ލިބިފައިވެއެވެ. ސަޖިތް އަށް ކުރި ލިބިފައިވަނީ ތަމަޅައިންގެ އާބާދީ ބޮޑު އެޤައުމުގެ އުތުރުގެ ހިސާބުތަކުންނެވެ.

ގޮޓަބަޔާ ރާޖަޕަކްސަ އަކީ ސްރީލަންކާގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅެކެވެ. ގޮޓަބަޔާ އަކީ ރާޖަޕަކްސަގެ ވެރިކަމުގައި ތަމަޅަ ހަނގުރާމަވެރިންނާ ދެކޮޅަށް އެޤައުމުން ކުރިއަށްދިޔަ 26 އަހަރުގެ ދިގު ހަނގުރާމައެއް ކާމިޔާބުކަމާއެކު ނިންމާލުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭރު އޭނާ އަކީ އެޤައުމުގެ އަސްކަރިއްޔާގެ ލެފްޓިނެންޓް ކާނަލްގެ މަޤާމުގައި ހުރި ބޭފުޅާކަން ފާހަގަކޮށްލެވެއެވެ. އެ ކާމިޔާބީގެ ސަބަބުން ސިންހަލަ ރައްޔިތުންގެ މެދުގައި ރާޖަޕަކްސަގެ އާއިލާއެއް ޚާއްސަ ޤަދަރެއް ވަނީ ލިބިފައެވެ.

"އަހަރެން ސްރީލަންކާ ދެކެ ވަރަށް ލޯބިވޭ. އަހަރެން ފަޚުރުވެރިވޭ ޤައުމުދެކެ. އަހަރެން މި ޤައުމާ ދޭތެރޭ ދެކޭ ތަސައްވުރެއް އެބައޮތް. އަހަރެން ގޮވާލަން ހުރިހާ ރައްޔިތުންވެސް މި މަސައްކަތުގައި އަހަރެންނާއެކު ބައިވެރިވުމަށް އަތުގުޅާލަން." ގޮޓަބަޔާ ލަންކާ ރައްޔިތުންނަށް އިލްތިމާސް ކުރިއެވެ.