މެދުތެރޭ އެމެރިކާގެ ޤައުމެއް ކަމަށްވާ ގުއަޓެމާލާގެ އިރުމަތީ ސަރަޙައްދަކުން ދަތުރުކޮށްފައި ދިޔަ ބަހެއް އެކްސިޑެންޓުވެ، އެއިން ދަތުރުކުރި 21 މީހަކު މަރުވެއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އުމުރުން ހަތް އަހަރުގެ ކުޑަ ފިރިހެންކުއްޖެއް ވެސް ހިމެނެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި ޖުމްލަ ހަތް ކުޑަކުދިން ހިމެނޭ ކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މި އެކްސިޑެންޓު ހިގާފައި ވަނީ ގުއަޓެމާލާ އާއި މެކްސިކޯ ގުޅޭ ބޯޑަރާއި ދުރުނޫން ހިސާބެއްގެ ހައިވޭއަކުން ބަސް ދަތުރުކޮށްފައި ދަނިކޮށް، ޓްރެއިލާ ޓްރަކެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. ނަމަވެސް އެކްސިޑެންޓު ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ގުއަޓެމާލާގެ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ ހިނގިގޮތް ބެލުމަށް ތަހުޤީޤެއް ފަށާފައެވެ.

މި ހާދިސާ އާއި ގުޅިގެން އެކްސިޑެންޓުން ސަލާމަތްވި، ބަހުގެ ޑްރައިވަރު ވަނީ ހައްޔަރުކޮށްފައެވެ.

މި ހާދިސާގެ މަންޒަރު ފެންނަ ފޮޓޯތައް މިހާރު ނޫސްތަކުގައި ދައުރުކުރަމުން ދާއިރު، އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުގައި ބަހަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުއްޓެވެ. އެގޮތުން މަހުން ކަހާލައިގެން ގޮސް މަގުގެ އެއްކައިރިއަކަށް ބަސް އަރާފައި އޮތްއިރު، ބަހުގެ އެއްބައި އޮތީ ޗިސްވެފައެވެ.

މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ގުއަޓެމާލާގެ އިންތިޚާބީ ރައީސް، އެލެޖެންޑްރޯ ގިއާމަޓޭ ވަނީ ތައުޒިޔާ ފޮނުވާފައެވެ. އެނގިފައިވާ ގޮތުގައ މި ހާދިސާގައި މަރުވެފައިވަނީ ހަމައެކަނި އެޤައުމަށް ނިސްބަތްވާ މީހުންނެވެ.