އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ވޯޓުލި މީހުންގެ އަދަދު 22 މިލިއަނަށް އަރައި ރެކޯޑެއް ގާއިމްވެއްޖެ އެވެ.

މިކަން ވަނީ އެމެރިކާގެ ގިނަ ސްޓޭޓުތަކަަކުން ހާމަކޮށްފައެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ވޯޓުލި މީހުންގެ އަދަދު 22 މިލިއަނަށް އަރާފައިވާއިރު، އެގައުމުގައި އެންމެ ފަހުން ބޭއްވި އިންތިހާބުގެ ކުރިން ވޯޓުލައިފައިވާ މީހުންގެ އަދު މިއަށްވުރެ އެތަށް ގުނައެއް މަދެވެ. 2016 ވަނަ އަހަރުގެ އިންތިހާބުގެ ކުރިން ވޯޓު ލާފައި ވަނީ ޖުމްލަ ހަ މިލިއަން މީހުންނެވެ.

މިކަމާއި ގުޅިގެން ކަމާބެހޭ މާހިރުން ބުނެފައި ވަނީ މިއަހަރު އެހާ ގިނަ ބަޔަކު އިންތިހާބުގެ ކުރިން ވޯޓު ލަމުން އަންނަނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން ކަމަށެވެ. މިހާރު އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވެފައި 8.2 މިލިއަން މީހުން ތިބި އިރު އެމީހުންވެސް ވޯޓުލަމުން އަންނަނީ ޕޯސްޓު ފަދަ ވަސީލަތްތައް މެދުވެރިކޮށެވެ.

އޯހާޔޯ އިން ވަނީ 2.3 މިލިއަން ވޯޓު ކަރުދާހަށް އެދިފައި ކަމަށާއި، އެއީ 2016 ވަނަ އަހަރު އެ ސްޓޭޓުން އެދުނު މިންވަރަށް ވުރެ ދެގުނަ އިތުރު އަދަދެއް ކަމަށް ވެސް އެމެރިކާގެ އިންތިހާބާއި ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އޮހާޔޯ އަކީ އިންތިހާބު ކާމިޔާބު ކުރުމަށް މުހިންމު ސްޓޭޓެކެވެ.

މީގެ އިތުރުން ޓެކްސަސް އިން ވެސް ވަނީ އިންތިހާބުގެ ކުރިއަށް ވޯޓުލާން ފަށާފައި ކަމަށާއި، އެތަނުގައި އެންމެ ފުރަތަމަ ދުވަހުވެސް ވަނީ ރެކޯޑު އަދަދަކަށް މީހުން ވޯޓު ލާފައި ކަމަށް ވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ.