އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސި ވިލާތުން އިއްޔެ ހެނދުނު ސީރިއާ އަށް ދިން ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މިސައިލް ފޮނުވާލާ ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، މިހަމަލާތަކުގެ އަސްލު މަޤްސަދާ މެދު ސުވާލު އުފެދެއެވެ.

އެމެރިކާއިން ބުނެފައިވަނީ ސީރިއާ އަށް ވައިގެ ހަމަލާ ދޭން ފަށާފައި މި ވަނީ އެ ގައުމުގެ އިރުމަތީ ޣޫތާގެ ދޫމާގައި މިދިޔަ ހަފުތާގައި ދިން ކެމިކަލް ހަމަލާގެ ބަދަލު ހިފުމަށެވެ. އިއްޔެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަންޕް ބުނެފައިވަނީ ފްރާންސާއި އިނގިރޭސިވިލާތް ގުޅިގެން ސީރިއާ އަށް ހަމަލާ ދޭން މިހާރު ފަށައިފިކަމަށާއި އެމެރިކާ އަދި ގުޅިފައިވާ ބާރުތަކުން ތިބީ ސީރިއާ ސަރުކާރުން ނުރައްކާތެރި ކެމިކަލް ހަތިޔާރު ބޭނުން ކުރުން ހުއްޓާލަންދަން މި ހަމަލާތައް ކުރިއަށް ގެންދަން ތައްޔާރަށްކަމަށެވެ.

ހަމަލާތަށް އަމާޒުކޮށްފައިވަނީ މައިގަނޑު ތިން ތަނަކަށް ކަމަށް އެމެރިކާ އިން ބުނެއެވެ. އެއީ ވެރިރަށް ދިމިޝްގުގައިވާ ސައެންޓިފިކް ރިސާޗް ސެންޓަރަކަށާއި ހިމްސްގެ ހުޅަނގުގައިވާ ކެމިކަލް ހަތިޔާރު ރައްކާކުރާ ތަނަކަށާ އަދި ހިމްސްއާ ކައިރީގައިވާ ކެމިކަލް ހަތިޔާރުގެ އިކުއިޕްމަންޓް ރައްކާކުރާ ތަނަކަށެވެ.

އެހެންނަމަވެސް މިދިން ހަމަލާތަކަކީ ކެމިކަލް ހަމަލާތަށް ހުއްޓުވުމަށް ދިން ހަމަލާތަކެއް ތޯ ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ. ޓުވިޓަރ އެކައުންޓް އަމިއްލައަށް ގެންގުޅޭ އެމެރިކާގެ ރައީސް ޓުރަންޕް ދިޔައީ މިހަމަލާތަކުގެ ފުރިހަމަ އަޕްޑޭޓް ޓުވިޓަރ މެދުވެރިކޮށް ދެމުންނެވެ.

ބޭރުގެ ނޫސްތަކުން ބުނާގޮތުގައި މިހަމަލާތަކަކީ ކާމިޔާބު ހަމަލާތަކެއް ނޫން ކަމަށާއި ސީރިއާގެ އަސްކަރިއްޔާއިން ހަމަލާ ދިނުމުގެ ކުރިން އެމީހުން ގެންގުޅުނު ކަމަށް ބުނާ ކެމިކަލް ހަތިޔާރުތައް އެ ހުރިތަނުން ބަދަލުކޮށްފައިވާކަމަށެވެ.

ނުރައްކާތެރި ހަތިޔާރު ނައްތާލަން ކަމަށް ބުނެ އެމެރިކާ އިން ވަނީ މީގެ ކުރިން އިރާޤަށް އަރާ އެގައުމު ވެސް ސުންނާފަތި ކޮށްލާފައެވެ. އެމެރިކާ އިން އިރާޤަށް ހަމަލާދިން ހަޤީޤީ މަޤުޞަދަކަށް ވެސް ވީ ސައްދާމު ހުސައިންގެ ވެރިކަން ވައްޓާލުމެވެ.

އެހެންކަމުން މިފަހަރު ވެސް އެމެރިކާގެ ހަޤީޤީ މަޤުޞަދަކީ ސީރިއާގެ ވެރިކަން ވައްޓާލުންތޯ ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ.

މިހަމަލާތަކަށްފަހު އެމެރިކާއިންބުނީ ހަމަލާތަށް ދީފައިވަނީ ވެރިކަން ބަދަލު ކުރުމަށް ނޫންކަމަށާއި ބޭނުމަކީ މުސްތަޤްބަލުގައި ސީރިއާގެ ސަރުކާރުން ސީރިއާއަށް ދީފާނެ ކެމިކަލް ހަމަލާއަކުން ސަލާމަތްވުން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދު ސަމީރު

    ސީރިޔާގެ މަސްރަހު ވަރަށް ނޭނގޭ މީހަކު ލިޔެފަ އޮތް ލިޔުމެއްމީ

  2. މޫސާ

    އެމެރިކާގެ މަޤްޞަދު ވަރަށް ސާފު. އިސްލާމްދީނާ ދެކޮޅަށް ކުރާ ހަނދުރާމައެއް.

    • ލޮލް

      އިސްލާމްދީނަކީ ކެމިކަލް ހަތިޔާރު އުފެއްދުންތަ؟

      • 100%

        ކެމިކަލް ހަތިޔާރާ ދެކޮޅަށްތަ އެމީހުން މިހާހިސާބަށް ހަމަ މުޅިން ހަމަލަދިނީ...؟

        ބަލާ ބަލަ ފަލަސްތީނުގެ ޙާލަތު.

        އދ. މެދުވެރިކޮށް އެއްވެސް ފިޔަވަޅެއް އެނުލަފާ ޔަހޫދީންނާ ދެކޮޅަށް ނޭޅޭ.

        ކޮބާ ސަބަބަކީ؟