އުރުދުން އިން އިސްރާއިލުން އުފައްދާ ގޭސް އިމްޕޯޓު ނުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އެގައުމުގެ މަޖިލީހުގެ 130 މެމްބަރުންގެ ވޯޓާއެކު ފާސްކުރި އެ ގާނޫނު ދެން ފޮނުވާނީ އެގައުމުގެ ވަޒީރުންގެ މަޖިލީހަށެވެ. އެއަށްފަހު އެ މަޖިލީހުން ފާސްވުމުން އެ ގާނޫނަށް އަމަލު ކުރަން ފަށާނެ އެވެ. ނަމަވެސް މީޑިއާތަކުން ބުނަނީ އެކަން ކުރުމަށް ގާނޫނީ އިތުރު މަރުހަލާތަކެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

އުރުދުންގެ ގާނޫނު ހަދާ މަޖިލީހުން އެ ބިލު ފާސްކޮށްފައިވަނީ، އިސްރާއީލްގެ ކުންފުންޏަކާއެކު އުރުދުންގެ ދައުލަތުގެ ކުންފުންޏަކުންވި އެއްބަސްވުމެއްގެ ދަށުން 15 އަހަރު ދުވަހުގެ މުއްދަތަކަށް އެގައުމަށް 10 ބިލިއަން ޑޮލަރުގެ އަގުހުރި ގޭސް އިމްޕޯޓު ކުރުމަށް ނިންމާފައިވަނިކޮށެވެ. އެ އެއްބަސްވުމާ ގުޅިގެން އުރުދުންގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުންވެސް ދިޔައީ އަޑު އުފުލަމުންނެވެ. އަދި އެކަމާ ގުޅިގެން ރައްޔިތުންވެސް ވަނީ ނުކުމެ މުޒާހަރާވެސް ކޮށްފައެވެ.

އުރުދުންގެ ދައުލަތުގެ ކުންފުނިން އެ ކަމަށް އެއްބަސްވެ ސޮއިކޮށްފައިވަނީ އިސްރާއީލާއި އެމެރިކާގެ މަސްލަހަތު އޮންނަ އިސްރާއިލުގެ ކުންފުންޏަކާ އެކު އެވެ.

އުރުދުންގެ މަޖިލީހުގެ ނިންމުމާ ގުޅިގެން އިސްރާއީލުގެ އެނާޖީ އިންޑަސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ މިއަހަރުގެ ޖެނުއަރީން ފެށިގެން އެ އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަމެއް ދެ ގައުމުންވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެ އެއްބަސްވުން އުވާލުމުގެ ނުވަތަ އެއްބަސްވުމަށް ބަދަލު ގެނައުމުގެ އެއްވެސް ވާހަކައެއްވެސް ދެކެވިފައިނުވާ ކަމަށް ވިދާޅުވިއެވެ.