ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު ދެ މީހަކު މަރުވެއްޖެ އެވެ. އެ ގައުމުން މިހާތަނަށް ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4 އަށް އަރާފައެވެ.

އީރާނުގެ ނޫސްތަކުން ބުނާގޮތުގައި، މިއަދު އެ ގައުމުން އިތުރު 13 މީހަކަށް ކޮވިޑް 19 ޖެހިފައިވާކަމަށް ބުނެފައި ވެެއެވެ. އޭގެ ތެރެއިން 7 މީހަކީ ކޫމްއަށް ނިސްބަތްވާ މީހުންނެވެ. އަދި ހަތަރު މީހަކު ޓެހެރާންއަށް ނިސްބަތްވާއިރު، ގިލިއާންއަށް ނިސްބަތްވާ ދެ މީހަކުވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، ދެ މީހަކު މަރުވެފައި ވަނީ އެ 13 މީހުންގެ ތެެރެއިން ކަމަށެވެ. އަދި މި ބަލި ޖެހުނު ގިނަ މީހުންނަކީ ކޫމްގައި އުޅޭ ނޫނީ ކޫމްގައި ދިރިއުޅެމުން އަންނަ މީހުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ.

އީރާނުން ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އީރާނުން ކޮވިޑް ވައިރަސް ޖެހުނު މީހުން އިތުރުވުމާއި ގުޅިގެން، އިރާޤު ގުޅޭ ސަރަހައްދީ އިން އިރާޤުން ވަނީ ބަންދުކޮށްފައެވެ.