ހަލުވިކަމާއެކު މިހާރު އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް 19) ޖެހިގެން އިޓަލީން އިތުރު މީހަކު މަރުވެއްޖެއެވެ. މިއީ ކޮވިޑް 19 ޖެހިގެން އެ ގައުމުން މަރުވި ދެ ވަނަ މީހާ އެވެ.

އިޓަލީގެ މީޑިއާތަކުން ބުނެފައިވަނީ މި ބަލިޖެހިގެން މިހާރު މަރުވެފައިވަނީ އަންހެނެއް ކަމަށެވެ. އޭނާގެ އުމުރާއި އިތުރު އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ޖެހިގެން އިޓަލީން ފުރަތަމަ މަރުވެފައިވަނީ އުމުުރުން 77 އަހަރުގެ ފިރިހެނެކެވެ.

އަންހެން މީހާގެ މަރާއި އެކީ މިއީ ޔޫރަޕުން މި ބަލި ޖެހިގެން މަރުވި ތިން ވަނަ މީހާއެވެ. މީގެ ކުރިން މި ބަލިޖެހިގެން މަރުވެފައިވަނީ ފްރާންސްގެ މީހެކެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ މި ބަލީގެ ސަބަބުން އެކި ގައުމުތަކުން ވަނީ އެ ޤައުމުތަކުގެ ސިޓީތައް ލޮކްޑައުންކޮށް މީހުން ކަރަންޓީން ކުރަން ފަށާފައެވެ. އެގޮތުން އިޓަލީންވެސް ވަނީ 10 އަވަށެއް ލޮކްޑައުން ކޮށްފައެވެ.

މީގެ އިތުރުން ވައިރަސް އިން ސަލާމަތްވުމަށް އެގައުމުގެ ގިނަ ސްކޫލްތަކުގެ އިތުރުން ވިޔަފާރިތަކާއި ރެސްޓޯރެންޓްތައްވެސް ވަނީ ބަންދު ކޮށްފައެވެ.

އިޓަލީގެ ހެލްތް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތްތަކުގެ މީހުން ބުނެފައިވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެންފެށި ކޮވިޑް-19 ޖެހިގެން މިހާތަނަށް އެގައުމުން ވަނީ 1150 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އަދި ބަލިޖެހިފައިވާ އެހެން ޤައުމުތަކާއި އެކީ މި އަދަދު ވަނީ 2360 އަށް އަރާފައެވެ.