އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް 1980ގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރު ފޯބްސް މެގަޒިންގެ އެންމެ މުއްސަނދި 400 މީހުންގެ ލިސްޓަށް އެރުމަށްޓަކައި އެ މެގަޒިންގެ ރިޕޯޓަރަކަށް އޮޅުވާލިކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.

އެގޮތުން ފޯބްސްގެ ރިޕޯޓަރު ޖޮނަތަން ގްރީންބާގް ވަނީ އެމެރިކާގެ ނޫސް އެޖެންސީ ސީ.އެން.އެން އާއި ވާހަކަދައްކަމުން ޑޮނަލްޑް ޓްރަމްޕް އޭނާއަށް އޮޅުވާލައި ދޮގު މައުލޫމާތުތަކެއް އެހެން މީހެއްގެ ނަމުގައި ދިންކަމަށް ތުހުމަތުކޮށްފައެވެ.

ގްރީންބާގް ބުނާގޮތުގައި ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާއަކީ ޖޯން ބެރޮން ނަމަކަށްކިޔާ ޓްރަމްޕް އޮގަނައިޒޭޝަނުގެ އިސް އެގްޒެކިއުޓިވް އެއް ކަމަށް ބުނެ ޓްރަމްޕްއާއި ބެހޭގޮތުން ވަރަށް ފޮނިކަނޑައި އޭނާއާއި ވާހަކަދައްކައިފައެވެ. ދެކެވުނު ވާހަކަތަކުގެ ތެރޭގައި ފައިސާއާއި އަމިއްލަ ދިރިއުޅުމުގެ އިތުރުން އަންހެނުންނާއި ބެހޭގޮތުންވެސް ވާހަކަދެކެވުނުކަމަށް ގްރީންބާގް ވަނީ ހާމަކޮށްފައެވެ.

ގްރީންބާގް ބުނިގޮތުގައި ޖޯން ބެރޮންގެ ނަމުގައި މައުލޫމާތު ދެމުން ޓްރަމްޕް ވަނީ ޑޮނަލްޑް ޓްރަމްޕްގެ 5 މިލިއަން ޑޮލަރުގެ އަގުހުރި މިލްކިއްޔާތެއް 100 މިލިއަނުގެ މިލްކިއްޔާތަކަށް ހަދައިގެން ވާހަކަދެއްކިކަމަށް ބުނެފައެވެ. އެ ތުހުމަތުތަކާއިއެކު ގްރީންބާގް ވަނީ އޯޑިއޯ ރެކޯޑިންގްވެސް އެބަ އޮތްކަމަށް ބުނެފައެވެ.

ޑޮނަލްޑް ޓްރަމްޕް އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 248 ވަނަ މަގާމުގައި ހުރި މީހާއެވެ. އަދި އެންމެ މުއްސަނދި ބިލިއަނަރުންގެ ލިސްޓުގެ 766އިގައިވެސް އޮންނަ ނަމެވެ. އޭނާގެ މިލްކިއްޔާތުގައި މުޅިއަކު 3.1 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނޭކަމަށް ވަނީ ލަފާކުރެވިފައެވެ.

މި ވާހަކަތަކާއިއެކު ޓްރަމްޕްއަށް ފާޑުކިޔާ ފަރާތްތަކުން ވަނީ އަދިވެސް ޑޮނަލްޑް ޓްރަމްޕްއާއި ބެހޭގޮތުން އިނގެންޖެހޭ އެތައް މައުލޫމާތެއް އާންމުވެފައިނުވާކަމަށާއި އަދި މި ވާހަކަތަކަކީ އޭގެ ތެރެއިން އެއް ވާހަކަކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު