އީރާންގެ ޤުއޮމް އިން ކޮވިޑް-19 ޖެހިގެން 50 މީހުން މަރުވެފައިވާ ކަމަށް އެސިޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ބުނެފިއެވެ.

ޤުއޮމް ތަމްސީލް ކުރާ މެންބަރު އަމިރާބަދީ ފަރްހާނީ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އެއަވަށުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދާއި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ސަރުކާރުން ވަނީ އޮޅުވާލާފައެވެ.

އީރާން ސަރުކާރުން ބުނެފައި ވަނީ މިހާތަނަށް އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 12 މީހުން ކަމަށެވެ. ޤުއޮމްގެ މެންބަރު ދެއްކި ވާހަކަތައް އީރާންގެ ހެލްތު މިނިސްޓްރީން ވަނީ ދޮގު ކޮށްފައެވެ.

"ރެއާއި ހަމައަށް ޤުއޮމް އިން 50 މީހުން ވަނި ކޮވިޑް-19 ޖެހިގެން މަރުވެފައި. މިކަމުގެ ޒިންމާ ހެލްތު މިނިސްޓްރީން އުފުލަން ޖެހޭނެ." މިއަދު ފަރްހާނީ ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ. އޭނާ ބުނީ ކޮވިޑް-19 ޤުއޮމް އިން ފެނުނު ފަހުން އެވްރެޖްކޮށް ކޮންމެ ދުވަހަކު އެސިޓީން ދިހަ މީހުން މަރުވަމުންދާ ކަމަށެވެ.

ފަރްހާނީގެ ވާހަކަތަކާއި ގުޅިގެން އީރާންގެ ޑެޕިއުޓީ ހެލްތު މިނިސްޓަރ އިރާޖް ހަރިޗީ ވިދާޅުވީ ފަރްހާނީ ބުނާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ކަން ސާބިތުކޮށްދީފިނަމަ އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

އީރާނުން ބުނާ ގޮތުގައި އެގައުމުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ 61 މީހެކެވެ.

ޤުއޮމް އަކީ ފަގީރު ސިޓީ އެކެވެ. އެހެންކަމުން އެސިޓީގައި ވައިރަސް ވަރަށް ބޮޑަށް ފެތުރިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާންގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންނެއް ނުގެންދެއެވެ. އެހެންވެ ބޮޑު މުސީބާތަކަށް މިބަލިމަޑުކަން ވެގެން ހިނގައިދާނެ ކަމަށް ވެސް އީރާންގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު