ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހިގެން އީރާނުން އިތުރު 16 މީހަކު މަރުވެއްޖެއެވެ. އެޤައުމަށް މި ވައިރަސްގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ވައިރަސް އަށް ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އިތުރު 1234 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އީރާން ހިމެނޭއިރު، މިއީ އީރާނުން މި ވައިރަސް އަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވި ފަހަރެވެ. އަދި މިއީ އެންމެ ފުރަތަމަ އަދި އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ޗައިނާއަށް ފަހު، 24 ގަޑިއިރު ތެރޭ ޤައުމަކުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވި ފަހަރުވެސް މެއެވެ.

އީރާނުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 4747 އަށް އަރާފައެވެ. އެޤައުމުން މިހާތަނަށް 124 މީހަކު މި ވައިރަސްގެ ސަބަބުން މަރުވެފައިވާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ އެކަނި 16 މީހަކު މަރުވެފައި ވެއެވެ.

އީރާނަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ޤައުމެކެވެ.

އީރާންގެ ހުރިހާ ޕްރޮވިންސަކަށް މިހާރު ވަނީ ވައިރަސް ފެތުރިފައެވެ.