ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރި ކެލެފޯނިއާގެ ކްރޫޒް ޝިޕަކުން އަނެއްކާވެސް ކޮރޯނާ ވައިރަސް (ކޮވިޑް-19) ފެނިއްޖެއެވެ.

މީގެ ކުރިންވެސް މިފަދަ ކްރޫޒް ޝިޕަކުން ގިނަ އަދަދެއްގެ ބަޔަކަށް ކޮރޯނާ ވައިރަސް ޖެހިފައި ވެއެވެ.

އެމެރިކާގެ ނޫސްތަކަށް މަޢުލޫމާތުދެމުން އެޤައުމުގެ އޮފިޝަލުން މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، މި ވައިރަސް ފެނިފައިވަނީ "ގްރޭންޑް ޕްރިންސެސް" ނަމަކަށްކިޔާ ކްރޫޒް ޝިޕަކުންނެވެ. އެ ކްރޫޒްޝިޕް އިން ކޮރޯނާ ވައިރަސް ފެނިގެން، ދަތުރުކުރުން ހުއްޓުވާފައި ވަނީ އެމެރިކާގެ ސެން ފްރެންސިސްކޯ ސަރަޙައްދުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިހާތަނަށް މި ކްރޫޒް ޝިޕްއިން ދަތުރުކުރި 21 މީހަކު ވަނީ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ. ޖުމްލަ 3500 އަށްވުރެ ގިނަ މީހުން ތިބި އެ ކްރޫޒްޝިޕް އިން މިހާތަނަށް ޓެސްޓް ކުރެވިފައި ވަނީ 46 މީހެކެވެ. އެހެންކަމުން މި ކްރޫޒްޝިޕް އިން ގިނަ ބަޔަކަށް ކޮރޯނާ ވައިރަސް ޖެހިފައި ވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ގްރޭންޑް ޕްރިންސެސް ކްރޫޒް ޝިޕް އިން ކޮރޯނާ ވައިރަސް ޖެހިފައިވާ ގިނަ ބަޔަކު ފެނިފައިވާއިރު، މިހާތަނަށް ވައިރަސް އަށް ޕޮޒިޓިވްވި 21 މީހުންގެ ތެރެއިން 19 މީހުންނަކީ އެ ކްރޫޒްޝިޕްގެ ފަޅުވެރިން ކަމަށް ނޫސްތައް ބުނެއެވެ.

މި ކްރޫޒްޝިޕް އިން ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެން، އާންމުކޮށް ބޭނުން ނުކުރާ ބަނދަރެއްގައި ކްރޫޒްޝިޕް ކަރަންޓީނު ކޮށް އޭގައި ތިބި މީހުންގެ ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ކަމާއި ބެހޭ އިދާރާތަކުން ބުނެއެވެ.

ގްރޭންޑް ޕްރިންސެސް ނަމަކަށްކިޔާ ކްރޫޒްޝިޕް އަކުން ކޮރޯނާ ވައިރަސް ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކު ފެނިފައި ވާއިރު، މިދިޔަ މަހުގެ ތެރޭގައި ވެސް ކްރޫޒް ޝިޕަކުން އެތައް ސަތޭކަ ބަޔަކަށް މި ވައިރަސް ޖެހިފައި ވެއެވެ. "ޑައިމަންޑް ޕްރިންސެސް" ނަމަކަށްކިޔާ އެ ކްރޫޒްޝިޕުން ކޮރޯނާ ވައިރަސް އަށް އިންފެކްޓުވެފައިވާ 696 މީހަކު ފެނުނުއިރު، އޭގެތެރެއިން ހަ މީހަކު ވަނީ މަރުވެފައެވެ. އަދި 34 މީހަކަށް އަދިވެސް ފަރުވާދެމުން ދަނީ ސީރިއަސް ހާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާމު

    ދެ ކްރޫޒްޝިޕް ރާއްޖެއަށް ބަނދަރުކުރަން އަންނަކަމުގެ މަޢުލޫމާތު ލިބޭ.

    1
    4