ސްރީ ލަންކާގައި ކޮވިޑް-19 ޖެހުނު އެ ގައުމުގެ ފުރަތަމަ މީހާ ބަލިން ސަލާމަތްކުރެވިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ލަންކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކީ އުމުރުން 52 އަހަރުގެ ޓުއާ ގައިޑެކެވެ. އޭނާއަށް ބަލި ޖެހުނީ އިޓަލީގެ ގްރޫޕެއްގެ ފަރާތުން ކަމަށްވެއެވެ. އެމީހާ އަށް މީގެ ހަ ދުވަސް ކުރިން އެޑްމިޓްކޮށްގެން ފަރުވާ ދިން އިރު، އެމީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހެލްތުގެ ޑިރެކްޓަރު ޖެނެރަލް އަނިލް ޖަސިން އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ލަންކާ އިން ކޮވިޑް-19 ޖެހުނު ހުރިހާ އެންމެން ބަލިން ރަނގަޅުވަމުންދާ ކަމަށެވެ. އެހުރިހާ އެންމެން އަދިވެސް ތިބީ އެޑްމިޓްކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާގައި އެންމެ ފުރަތަމަ މި ބަލި ފެނުނީ ޗައިނާގެ 62 އަހަރުގެ ޓޫރިސްޓެއްގެ ގައިންނެވެ.

ލަންކާގައި ކޮވިޑް-19 މިހާތަނަށް 21 މީހެއްގެ ގައިން ފެނިފައިވާ އިރު، 200 އަށް ވުރެ ގިނަ މީހުން މިހާރު ތިބީ އޮބްޒަވޭޝަންގައެވެ. ލަންކާގައި އެންމެ ފަހުން ކޮވިޑް-19 ފެނުނީ 13 އަހަރުގެ ކުއްޖެއްގެ ގައިންނާއި 50 އަހަރާއި 37 އަހަރުގެ މީހެއްގެ ގައިންނެވެ.

ޗައިނާ އިން އެންމެ ފުރަތަމަ ފެނުނު ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 182,700 އަށް އަރައިފައެވެ. އަދި މަރުވި މީހުންގެ އަދަދު 7,173 އަށް އަރާފައިވާ އިރު، މި ބަލި ޖެހިގެން މިހާތަނަށް ރަނގަޅު ކުރެވުނީ 79,883 މީހުންނެވެ.

ކޮވިޑް-19 އެންމެ ހަލުވިމިނެއްގައި ފެތުރޭ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިޓަލީ، އީރާން، ސްޕެއިން، ސައުތު ކޮރެއާ، ޖަރުމަނު އަދި ފްރާންސާއި އެމެރިކާ ހިމެނެއެވެ. ރާއްޖެ އިން މި ބަލި 13 މީހެއްގެ ގައިން ފެނިފައިވާ އިރު، އޭގެތެރޭގައި ދިވެއްސަކު ނުހިމެނެއެވެ.