ސީރިޔާއިންވެސް ކޮވިޑް-19 ފެނިއްޖެއެވެ.

ސީރިޔާގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި އެގައުމުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވަނީ އެހެން ގައުމަކުން އެގައުމަށް އެތެރެވި މީހެކެވެ.

މިކަމާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައްވެސް މިހާރު އަޅާފައިވާ ކަމަށް ސީރިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ސީރިޔާއިން ކޮވިޑް-19 ފެނުނުކަމުގެ ވާހަކަތައް ދެކެވިގެން ދިޔައެވެ. ނަމަވެސް އެ ވާހަކަތައް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ދޮގުކޮށްފައެވެ.

ސީރިއާ އާއި އަވައްޓެރި އީރާންގައި ކޮވިޑް-19 ދަނީ ކޮންޓްރޯލެއް ނެތި ފެތުރެމުންނެވެ.

ސީރިއާ އިން ކޮވިޑް-19 ފެނުނުއިރު އެގައުމު އޮތީ ނުވަ އަހަރުވީ ދާހިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައެވެ. އެތައް މިލިއަން ރައްޔިތުންނެއް ދިރިއުޅެމުން ގެންދަނީ ކުދިކުދި ވަގުތީ ހިޔާތަކުގައެވެ. މުޅި ގައުމުގެ ސިއްހީ ނިޒާމް އޮތީ ހަލާކު ވެފައެވެ. އެހެންކަމުން ސީރިއާގައި ކޮވިޑް-19 ފެތުރެން ފަށައިފިނަމަ އެތައް މިލިއަން ބައެއްގެ ފުރާނަ އަށް ނުރައްކާ ވުމުގެ ފުރުސަތު އެބައޮތެވެ.

ސީރިއާގެ ސިއްހީ އެހީތެރިންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ސީރިއާގައި ހަރަކާތްތެރިވާ ޑޮކްޓަރުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރާނެ ޕްރޮޓެކްޓިވް ގިއާއެއް ވެސް ނެތެވެ. އެހެންކަމުން ކޮވިޑް-19 ފެތުރެން ފަށައިފިނަމަ ސިއްހީ އެހީތެރިންގެ ފުރާނައަށް ވެސް ނުރައްކާ ވުމުގެ ބިރު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު