ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ނައިޖީރިއާ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

އެގައުމުގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އިން ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ އުމުުރުން 67 އަހަރުގެ ސުލެއިމާން އަކިމުގު ކަމަށެވެ. އޭނާ އަކީ ޕެޓްރޯލިއަމް ޕްރޮޑަކްޓްސް މާކެޓީން ކޮމްޕެނީގެ ކުރީގެ މެނޭޖިންގެ ޑިރެކްޓަރެވެ.

އެގައުމުން މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 36 އަށް އަރާފައެވެ. އޭގެ ތެރެއިން 6 މީހުންނަކީ މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންނެވެ. އެގައުމުން ވަނީ ދެ މީހަކު މި ބަލިން ރަނގަޅުވެފައެވެ. ސުލެއިމާނަކީ މީގެ ކުރިން ކެންސަރަށް ފަރުވާ ކުރަމުން ދިޔަ މީހެއް ކަމަށް އެގައުމުން ވަނީ ހާމަ ކޮށްފައެވެ.

ކޮވިޑް-19 އަށް އޭނާ ފައްސިވެފައިވާ ކަން އެނގިފައިވަނީ މީގެ 2 ހަފްތާ ކުރިން އިނގިރޭސި ވިލާތުން އައި ފަހުން އެކި ކަހަލަ އަލާމާތްތަކެއް ފެނިގެން ހެދި ޓެސްޓް ތަކަށް ފަހުއެވެ. އަދި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އޭނާ ބެލި ޑޮކްޓަރުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮވިޑް-19، ދުނިޔޭގެ 192 ގައުމަކަށް ފެތުރިފައިވާއިރު މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 349،095 އަށް އަރާފައެވެ. އަދި މި ބަލީގެ ސަބަބުން 15،297 މީހަކު މަރުވެފައިވާއިރު 100،337 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު