ނުރައްކާތެރި ވައިރަސް، ކޮވިޑް-19 ޖެހިގެން ބެލްޖިއަމުން އިތުރު 69 މީހަކު މަރުވެއްޖެއެވެ.

ވައިރަސްގެ ޝިކާރަ އަކަށްވެ އެ ގައުމުން މިހައިތަނަށް ޖުމްލަ 289 މީހަކު މަރުވެފައި ވާއިރު މިއަދަކީ އެ ގައުމުން އެންމެ ގިނަ ބަޔަކު މަރުވި ދުވަސްކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން އެންމެ ގިނަ މީހުން މަރުވީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބެލްޖިއަމް އިން ޖުމްލަ 56 މީހަކު މަރުވެފައިވެއެވެ.

އެ ގައުމުން ދެން ގިނަ ބަޔަކު މަރުވީ އިއްޔެއެވެ. އިއްޔެ 42 މީހަކު ވަނީ މަރުވެފައެވެ. މިއަދު އިތުރު 1،049 މީހަކު އަލަށް ވަައިރަހަށް ފައްސިވެފައިވާއިރު ބެލްޖިއަމް އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7،284ށް އަރާފައެވެ. އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ އިއްޔެ އެވެ. އިއްޔެ 1،289 މީހަކު ފައްސިވެފައި ވާއިރު ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވީ މިއަދުއެވެ. އަދި 3 ވަނަ އަށް ފައްސިވީ މި މަހުގެ 25 ވަނަ ދުވަހު ކަމުގައިވާއިރު އެ ދުވަހު 668 މީހަކު ފައްސިވެފައި ވެއެވެ.

ބެލްޖިއަމްގެ ހޮސްޕިޓަލްތަކުގެ އައިސީޔޫތަކުގައި 690 މީހަކަށް ފަރުވާ ދެމުން އަންނައިރު މިހައިތަނަށް ފަރުވާ ދީގެން 858 މީހަކު ވަނީ ރަނގަޅުވެފައެވެ.

ޔޫރަޕްގެ ގައުމުތަކުގައި ހަލުވިކަމާއި އެކު ވަައިރަސް ފެތުރެމުން އަންނައިރު މިހައިތަނަށް މުޅި ދުނިޔެއިން ވައިރަހަށް ފައްސިވި މީހުންގެ އަދަދު ވަނީ 5 ލައްކަ އަށް ވުރެން މައްޗައް އަރާފައެވެ.