ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު 299 މީހަކު މަރުވެއްޖެއެވެ.

ދެންމެ ފްރާންސް ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1995 އަށް އަރާފައެވެ.

މިއަދު ފްރާންސުން އިތުރު 3809 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. ފްރާންސުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 32964 އަށް އަރާފައެވެ. މިހާރު ހަވަނަ އަށް އެންމެ ގިނަ މީހުން ފައްސިވި ގައުމަކީ ފްރާންސެވެ.

ފްރާންސް ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 199 ޤައުމަކުން ކޮވިޑް-19 ވަނީ ފެނިފައެވެ. މިހާތަނަށް އެންމެ ބޮޑަށް މި ވައިރަސް ފެތުރިފައިވާ ޤައުމަކީ އެމެރިކާއެވެ. އެޤައުމުން އެކަނިވެސް 104000 އަށްވުރެ ގިނަ މީހުން މި ވައިރަސް އަށް ފައްސިވެފައި ވެއެވެ.

ނުރައްކާތެރި "ކޮވިޑް-19" އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެ ސަރަޙައްދުން ވައިރަސް ފެނުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ވައިރަސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިފައެވެ. އެންމެ ފުރަތަމަ މި ވައިރަސް ފެތުރެން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކަންބޮޑުވާހައި ހަލުވިކަމާއެކު މި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާތީ، ގިނަ ޤައުމުތަކުން އޮތީ ދަތުރުފަތުރު ކުރުން ކޮންޓްރޯލްކޮށްފައެވެ. މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި ވައިރަސް އެވެ.

ކިޔުންތެރިންގެ ހިޔާލު