ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން އެންމެ ބާރުގަދަ ގައުމުތަށްވެސް ތިބީ ކުރާނެ ކަމެއް ނެތި، އެތަކެއް ސަތޭކަ މީހުން މަރުވަމުން އަންނާތީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.

މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެން ފަށާފައިވާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 6 ލައްކަ އަށް އަރާފައިވާއިރު މި ވައިރަސްއަށް މިއަދާއި ހަމައަށް ވެކްސިނެއް އުފެއްދިފައި ނުވެއެވެ. މިހާރު ބަލީގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެއްޖެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބަލި ޖެހިގެން 27،417 މީހަކު މަރުވެފައިވާއިރު ޖުމްލަ 133،426 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިއަދު މި ބަލި ޖެހުނު މީހުންގެ އަދަދު 6 ލައްކައަށް އަރާފައިވާއިރު، ބައި މިލިއަނުން 6 ލައްކައަށް އަރާފައިވަނީ ދެ ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. މި ބަލި ފުރަތަމަ ފުރަތަމަ ފެތުރެން ފަށާފައި ވަނީ ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ބައްޔަށް ފައްސިވި (ޕޮޒިޓިވްވި) މީހުންގެ އަދަދު ލައްކަ އަކަށް އަރަން 70 ދުވަސް ވެސް ނުނަގައެވެ.

މާޗް 6 ވަނަ ދުވަހު މި ބަލި ޖެހިގެން 102،050 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އޭގެ 13 ދުވަސް ފަހުން (މާޗް 18 ވަނަ ދުވަހު) މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 218،744 އަށް އަރާފައެވެ. މީގެ ފަހުން އިއްޔެއާއި ހަމައަށް މި ބަލި ޖެހުނު މީހުންގެ އަދަދު 596،366 އަށް އަރާފައެވެ.

ބަލި ފެތުރިފައިވާ ގައުމުތަކުން 6 ލައްކައަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސި ވެފައިވާއިރު، މި ބަލި ޖެހިގެން މިހާތަނަށް އެމެރިކާއިން ވަނީ 104،256 މީހަކު ރިޕޯޓް ކޮށްފައެވެ. އެމެރިކާ ފިޔަވައި މި ބަލި އެންމެ ގަދަޔަށް ފެތުރި މީހުން މަރުވެފައިވާ ބައެއް ގައުމުތަކަކީ:-

 • އިޓަލީ: 86،498 ފައްސި، 9،134 މަރު
 • ޗައިނާ: 81،394 ފައްސި، 3،295 މަރު
 • ސްޕެއިން: 65،719 ފައްސި، 5،138 މަރު
 • ޖަރުމަނު: 53،340 ފައްސި، 395 މަރު
 • ފްރާންސް: 32،964 ފައްސި، 1،995 މަރު
 • އީރާން: 32،332 ފައްސި، 2،378 މަރު
 • އިނގިރޭސި ވިލާތް: 14،543 ފައްސި، 759 މަރު

މި ވައިރަސް އަށް ސީދާ އަދި ވެކްސިނެއް އުފެއްދިފައިނުވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މި ވަގުތުު ދުނިޔޭގެ ގިނަ ގައުމުތަށް އޮތީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ.

މި ބަލި ޖެހޭ ކޮންމެ މީހަކީ މަރުވާ މީހެއް ނޫނެވެ. ރިޕޯޓްތަކުން ދައްކާގޮތުގައި މި ބަލި ޖެހިގެން އެންމެ ހާލު ދެރަވަނީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމަށް އެކި ކަހަލަ ބޭސް ކާ މީހުންގެ އިތުރުން ކުޑަ ކުދިންނެވެ. އެއީ މި ބައްޔަކީ ނޭވާލާ ނިޒާމު ދައްކޮށްލާ ބައްޔަކަށް ވުމުން މި ފަދަ މީހުންނަށް މި ބައްޔާއި ހަނގުރާމަ ކުރުމަށް އުނދަގޫތަކެއް ދިމާވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ވިސްނުން ބަދަލުކުރަން

  ވެކްސިން ނޫނީ ހައްލެއްނެތް ކަމަށް ގަބޫލު ކުރެވޭ ދުވަސްވަރެއް. އެމެރިކާގައި މިބައްޔަށް ޝިފާއެއް ހޯދުނު ކަމަށް ބުނި މީހާވެސް އަވަސް އަރުވާލައިގެން ވަނީ ހައްޔަރުކޮއްފައި ޑްރަގް އާއި ވެކްސިން އުފައްދާ ކުންފުނިތަކަށް ގެއްލުން ވެދާނެތީ.

  7
  1
 2. އަޙްމަދު

  ވެކްސިިން ރައްކާތެރިތޯއެވެ.؟
  އިތުބާރު ހިފޭ ފެންވަރެއް ގައި ހެކިދެއްކިދާނެ ތޯއެވެ؟