ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ސްވިޒަލޭންޑުގައި ހުރި އަވަށްޓެރި ސްރީލަންކާގެ ރައްޔިތަކު ވައިރަހުގެ ޝިކާރަ އަކަށްވެ މަރުވެއްޖެއެވެ.

މިއީ ކޮވިޑް-19 ޖެހިގެން ސްރީލަންކާ އަށް ނިސްބަތްވާ މީހަކު މަރުވި ފުރަތަމަ ފަހަރު ކަމުގައިވާއިރު، ލަންކާ އަށް ނިސްބަތްވާ މީހަކު ސްވިޒަލޭންޑުގައި މަރުވިކަން ލަންކާގެ ފޮރިން މިނިސްޓްރީ އިން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ލޮގަނަތޮން ނަމަކަށް ކިޔާ 59 އަހަރުގެ އެ ފިރިހެން މީހާ އަކީ ސްވިޒަލޭންޑުގައި އޭނާގެ އާއިލާ އާއިއެކު ދިރިއުޅެމުން އައި މީހެއް ކަމުގައިވާއިރު ސްވިޒަލޭންޑުގެ ފުލުހުން ލޮގޮނަތަން ކައިރީ އަމިއްލަ އަށް ކަރަންޓީނު ކުރަން ބުނުމުން އޭނާ އެގޮތަށް ކަންތައް ކޮށްފައިވެއެވެ.

ނަމަވެސް، ފާއިތުވެދިތަ ދުވަސްތަކުގައި ލޮގަނަތަންގެ ޙަބަރެއް ލަންކާގައި ތިބި އޭނާގެ އާއިލާ މީހުންނަށް ނުވެގެން ބެލި ބެލިމުން ހާމަވެފައި ވަނީ ބުރާސްފަތި ދުވަހު އޭނާ އަށް ވައިރަސް ޖެހިގެން މަރުވެފައިވާ ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި ލޮގަނަތަން ސްވިޒަލޭންޑުގައި ވަޅުލާފައި ވާއިރު، ރިޕޯޓުތައް ބުނާގޮތުން ލަންކާ އަށް ނިސްބަތްވާ އިތުރު މީހަކު ފްރާންސުގައިވެއް މަރުވިކަމުގެ ޙަބަރުތައް އަންނަނީ އިވެމުންނެވެ. ނަމަވެސް މިކަން އެގައުމުގެ ފޮރިން މިނިސްޓްރީ އިން ކަށަަވަރު ކޮށްދެއްވާފައި ނުވި ނަމަވެސް، އެފަރާތުން ބުނެފައި ވަނީ ފްރާންސް ހޮސްޕިޓަލެއްގެ އައިސީޔޫގައި ލަންކާ ރައްޔިތަކަަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

މިހައިތަނަށް ލަންކާ އިން 106 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ.