ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ގަތަރުން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނާގޮތުން އެޤައުމުގައި ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުން ދަނިކޮށް ފުރަތަމަ މަރުވި މީހާއަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ މީހެކެވެ.

ކޮވިޑް-19 އަށް ފައްސިވެގެން ގަތަރުގައި ފަރުވާދެމުން ދިޔަ މީހަކު ފުރަތަމަ ފަހަރަށް މަރުވެފައިވާއިރު، އެޤައުމުން މި ވައިރަސް އަށް މިހާތަނަށް ޖުމްލަ 590 މީހަކު ފައްސިވެފައި ވެއެވެ. އޭގެތެރެއިން 28 މީހަކު ފައްސިވެފައި ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލުމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެޤައުމުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 6 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. އަދި އެޤައުމުގައި ފަރުވާ ދިނުމަށްފަހު ބަލިން ސަލާމަތްވެފައި ވަނީ 45 މީހެކެވެ.

ގަތަރުން މިއަދު ކޮވިޑް-19 ޖެހިގެން މީހަކު މަރުވުމާއި އެކު މި ބަލީގައި މީހުން މަރުވި ޤައުމުތަކުގެ އަދަދު މިހާރު ވަނީ 61 އަށް އަރާފައެވެ.

ގަތަރުން ހިމެނޭހެން ދުނިޔޭގެ 199 ޤައުމަކުން މިހާތަނަކަށް ކޮވިޑް-19 ފެނިފައި ވެއެވެ. މި ވައިރަސްގައި މިހާތަނަށް ދުނިޔެއިން މަރުވި މީހުންގެ އަދަދު 30299 އަށް އަރައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނުރައްކާ ކުރިމަތިވެފައިވާ ކޮވިޑް-19 އަށް ޤައުމުތަކުން ޖުމްލަ 650926 މީހަކު ފައްސިވެފައި ވެއެވެ. އޭގެތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 139555 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު