ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އާދީއްތަ ދުވަހު 264 މީހަކު މަރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިހާތަނަށް އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2484 އަށް އަރާފައެވެ.

އެމެރިކާ އިން އާދީއްތަ ދުވަހު އިތުރު 18469 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާތަނަށް އެމެރިކާ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 142178 އަށް އަރާފައެވެ.

ނަމަވެސް ހޮނިހިރު ދުވަހާއި އަޅައި ބަލާއިރު އެމެރިކާ އިން މަރުވި މީހުންގެ އަދަދާއި ބަލި ޖެހުނު މީހުންގެ އަދަދު އާދީއްތަ ދުވަހު ވަނީ މަދުވެފައެވެ. ހޮނިހިރު ދުވަހު 19452 މީހުން އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވިއެވެ. އަދި 525 މީހުން ހޮނިހިރު ދުވަހު އެމެރިކާ އިން މަރުވިއެވެ.

އެމެރިކާގެ ވަކިވަކި ސިޓީތަކަށް ބަލާއިރު އަދިވެސް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ނިއުޔޯކުންނެވެ. ނިއުޔޯކުން 965 މީހުން ވަނީ މަރުވެފައެވެ. ނިއުޖާޒީން 161 މީހަކު، ކެލިފޯނިއާ އިން 131 މީހަކު، މިޝިގަން އިން 132 މީހަކު ވަނީ މަރުވެފައެވެ.

އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވަނީ ވެސް ނިއުޔޯކުންނެވެ. ނިއުޔޯކުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 59648 އަށް އަރައެވެ.

ނިއުޔޯކްގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރެމުން ދިޔަ ނަމަވެސް ނިއުޔޯކް ފުރަބަންދު (ލޮކްޑައުން) ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކޮޅު ހަދާފައެވެ. އެހެން ސްޓޭޓްތައް ފުރަބަންދު ކުރަން ވެސް ޓްރަމްޕް ދެކޮޅެވެ. އެހެންކަމުން ވަރަށް އަވަހަށް އެމެރިކާގެ ހާލަތު ގޯސްވެ، އިޓަލީވިލާތާއި، ސްޕޭނަށް ދިމާވެފައިވާ ފަދަ ހާލަތެއް ދިމާވުމުގެ ފުރުސަތު ބޮޑުކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ސްޓޭޓްތައް ފުރަބަންދު ކުރަން ޓްރަމްޕް ދެކޮޅު ހެދިނަމަވެސް ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށް ޓްރަމްޕް ވަނީ އެދިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ މައި ސަރުކާރުން ސަރަހައްދީ ސަރުކާރުތަކަށް އެކަށީގެންވާ ވަރަށް އެހީތެރިކަން ފޯރުކޮށްނުދޭ ކަމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައެވެ.

މައި ސަރުކާރުން ކެލިފޯނިއާ އަށް ފޮނުވި 170 ވެންޓިލޭޓަރު ހުރީ ހަލާކުވެފައި ކަމަށާއި އެތަކެތި މަސައްކަތް ނުކުރާކަމަށް ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސޮމް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ ގޮތުން ޓްރަމްޕަށް ލަފާއަރުވާ އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަން ޑިސީސްގެ ޑިރެކްޓަރ ޑރ.އެންތަނީ ފޯސީ އިއްޔެ ވިދާޅުވެފައި ވަނީ އެމެރިކާގެ އެއް މިލިއަން މީހުންނަށް ކޮވިޑް-19 ޖެހި އެއްލައްކަ އާއި ދެލައްކައާ ދެމެދު އަދަދެއްގެ މީހުން މަރުވުން އެކަށީގެންވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާ ރައްޔިތުންގެ ސަލާމަތާއި މެދު ވިސްނުމަށްވުރެ ބޮޑަށް ޓްރަމްޕް އަދިވެސް ވިސްނަމުން ގެންދަނީ އެމެރިކާގެ އިޤުތިޞާދާއި މެދު ކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗައިވާލޭ

    އިގްތިސާދީ ގޮތުން ކުރީގަ އޮތުމަށް ޖެހިދަންތޫރަ ބެދުނީ އަމިއްލަ ފައިގަ.