ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮންޓްރޯލް ވުމެއް ނެތި ފެތުރެމުން އަންނަ ކޮވިޑް-19 އަށް ލައްކާއިން 4 މަހުގެ ކުއްޖަކު ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރު ޕަވިތްރާ ވަނިއަރަޗި ވިދާޅުވީ، އެގައުމުން ފައްސި (ޕޮޒިޓިވް) ވެފައިވާ 4 މަހުގެ ކުއްޖާއަކީ އެގައުމުގެ އަވަށެއް ކަމަށްވާ ޗީލޯ އަށް ނިސްބަތްވާ އާއިލާގެ ކުއްޖެއް ކަމަށެވެ.

އެ ކުއްޖާގެ އިތުރުން އެ އާއިލާގެ 5 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ އާއިލާގެ މީހުން އިއްޔެ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާއިރު، މި ވައިރަސް އަށް ފައްސިވީ އިރު އެ އާއިލާ މީހުން ތިބީ ޕުއްތަލަމް އަވަށުގައެވެ.

އެގައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 2 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް 122 މީހަކު އެގައުމުން އެ ބައްޔަށް ފައްސި ވެފައިވާއިރު، އޭގެ ތެރެއިން 5 މީހަކު ފައްސި ވެފައިވަނީ މިއަދެވެ. އެގައުމުން 15 މީހަކަށް ފަރުވާ ދެވި ބަލިން ރަނގަޅުވެފައިވާއިރު 5 މީހެއްގެ ހާލު ސީރިއަސް ވެގެން ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

-އިތުރު ތަފްސީލް އަންނަނީ-