ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއިއެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން ފުރަތަމަ މަރުވި ހަތަރު ޑޮކްޓަރުންނަށް ގިނަ ބައެއްގެ ލޯތްބާއި ތައުރީފު އޮހެން ފަށައިފިއެވެ.

އެގައުމުން މި ބަލި ޖެހިގެން ފުރަތަމަ މަރުވެފައިވާ ހަތަރު ޑޮކްޓަރުންނަކީ ސިއްހީ ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ޑޮކްޓަރުންނެވެ. އެ ހަތަރު ޑޮކްޓަރުންނަކީ، އަލްފާ ސައަދު، އަމްޖަދް އެލް ހަވްރާނީ، އާދިލް އެލް ތަޔާރް އާއި ހަބީބް ޒައިދީއެވެ. މި ހަތަރު ޑޮކްޓަރުންނަކީ ވެސް އެފްރިކާ، އޭޝިއާ އަދި މެދުއިރުމަތީ ދަރިފަސްކޮޅަށް ނިސްބަތްވާ ޑޮކްޓަރުންނެވެ.

އަލްފާ ސައަދު އަކީ ނައިޖީރިއާއަށް އުފަން ސިއްހީ ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ ބޭފުޅެކެވެ. ކޮވިޑް-19 ޖެހިގެން މަރުވި އިރު އޭނާގެ އުމުރަކީ 64 އަހަރެވެ. އޭނާ އަކީ ގުނަވަން ބަދަލު ކުރުމަށް ހާއްސަ ޑޮކްޓަރެކެވެ.

އަމްޖަދް އެލް ހަވްރާނީ އަކީ ސޫދާނަށް ސިއްހީ ދާއިރާއިން ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ ކަރުން މަތީގެ ހާއްސަ ޑޮކްޓަރެކެވެ. މި ބަލި ޖެހިގެން އޭނާ މަރުވެފައިވަނީ އުމުރުން 55 އަހަރުގައެވެ.

އާދިލް އެލް ތަޔާރް އަކީ ނޭޝަނަލް ހެލްތް ސާވިސްގެ އޮޕްރޭޝަން ހާއްސަ ޑޮކްޓަރެކެވެ. މިބަލި ޖެހިގެން އޭނާ މަރުވެފައިވަނީ އުމުރުން 64 އަހަރުގައެވެ. އޭނާ އަކީ ކޮވިޑް-19 ޖެހޭ މީހުންނަށް އިސްނަގައިގެން އިމަޖެންސީގައި މަސައްކަތް ކޮށްދީފައިވާ ޑޮކްޓަރެކެވެ.

ހަބީބް ޒައިދް އަކީ އާންމު ބަލީގެ ހާއްސަ ޑޮކްޓަރެކެވެ. ޕާކިސްތާނުގެ ދަރިފަސްކޮޅަށް އުފަން އެ ޑޮކްޓަރުވަނީ މީގެ 50 އަހަރު ކުރިން އިގިރޭސިވިލާތައް ބަދަލުވެފައެވެ. އެނާ މަރުވެފައިވަނީ އުމުރުން 76 އަހަރުގައެވެ.

މި ހަތަރު ޑޮކްޓަރުންގެ މަރާއި ގުޅިގެން ބްރިޓިޝް އިސްލާމިކް މެޑިކަލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޑޮކްޓަރު ސަލްމާން ވަގަރް ބުނީ، އެ ކޮވިޑް-19 ޖެހިގެން ދުނިޔޭ ދޫކޮށް ގޮސްފައިވާ ހަތަރު ޑޮކްޓަރުންނަކީ ގައުމަށް އަގު ނުކުރެވޭނެ ވަރުގެ ހިދުމަތް ދެއްވާފައިވާ، ހިތްވަރުގަދަ ޑޮކްޓަރުން ކަމަށެވެ.

"އެމީހުންނަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ، ހިތްވަރުގަދަ ކަންކަމާއި ކެރިގެން ކުރިމަތިލާ އެންމެ ސީނިއާ ޑޮކްޓަރުން. ދުނިޔެ ދޫކޮށް އެ ދިޔައީ މި ނުރައްކާތެރި ކޮވިޑް-19 އާއި ހަނގުރާމަ ކުރަމުން" ޑރ. ސަލްމާން ބުންޏެވެ.

ސަލްމާން ބުނެފައިވަނީ އެ ހަތަރު ޑޮކްޓަރުން ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ދުނިޔެ ދޫކޮށްދިޔަޔަސް އަދި ރައްޔިތުން ކޮށްދޭން ޖެހޭ ކަންތައް ނުނިމޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ ރައްޔިތުން ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގޭތެރޭގައި ތިބުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހހހހ

    މުސްލިމުން ކުރާ ޖިހާދު މިއީވެސް. ހަދީޘްގައިވާގޮތުންނަމަ މިފަދަ ބަލިމަޑުކަމުގައި ކެތްތެރިވެ އެކަމަށް ކުރިމަތިލައިގެން މަސައްކަތްކޮށް މަރުވެގެންދާ މުސްލިމުންނަށް ﷲ ތަޢާލާ ސުވަރުގޭގެ ނިއުމަތް ދެއްވާނެ. އަދި ޑޮކްޓަރުންނަކީ އެތައްބައެއްގެ ފުރާނަސަލާމަތް ކުރަން މަސައްކަތްކުރާބައެއް. މި 4 ޑރ އިންނަށް ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާނދޭވެ. އާމީން.

    60
    1