މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19ގެ އަލާމާތްތައް އިންސާނާގެ ހަށިގަނޑުން ފެންނަން ފެށުމުގެ ކުރިން ކުރިން، ބަލި ޖެހިފައިވާކަން ވަރަށް އަވަހަަށް ދެނެގަންނާނެ ކިޓެއް އިނގިރޭސިވިލާތުގެ ސައިންސްވެރިން އުފައްދައިފިއެވެ.

އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނިވާސިޓީގެ ސައިންސްވެރިއެއް ކަމަށްވާ ކޮލިން ސެލްފް ތައްޔާރު ކޮށްފައިވާ މި ކިޓުން ކޮވިޑް-19 ޖެހިފައިވާ މީހަކާއި ކޮންޓެކްޓް ވެފައިވާ މީހެއްގެ ގައިން ބަލި ފެންނަން ފެށުމުގެ ކުރިން އަލާމާތްތައް ހުރިކަން ދެނެގަނެވޭނެއެވެ.

މި ކިޓް އަށް ދީފައިވާ ނަމަކީ "ބެލްޓް އެންޑް ބްރޭސެސް" އެވެ.

އެގައުމުގެ މީޑިއާތަކުން ބުނެފައިވަނީ ޕޯސްޓް މެދުވެރިކޮށް އެގައުމުގެ ގޭގެއަށް އެކިޓް ފޮނުވޭނެ ކަމަށެވެ. އެހެންކަމުން ބަލި ޖެހިފައިވާކަން މާ ކުރިން އެނގިގެން ދިއުމަކީ ރައްކާތެރިވުމަށް ފިޔަވަޅު އެޅިގެން ދާނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. އަދި ކަރަންޓީން ވުމަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށް އެބޭފުޅުން ގަބޫލު ކުރައްވައެވެ.

"މި ކިޓް ބޭނުން ކޮށްގެން ބަލި ޖެހިފައިވާކަން އެނގުމުން ކުރިން މީހާގެ ގައިގައި އަލާމާތްތަކެއް ހުރެއްޖެނަމަ ވަގުތުން ދައްކާނެ. އެހެން ކަމުން ރައްކާތެރިވުމަށް ވަގުތު ތަކެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ" ކޮލިން ބުނެފައިވެއެވެ.

ކޮލިން ބުނެފައިވަނީ މިއީ އަންހެނުން ބަނޑުބޮޑުތޯ ބަލަން ހަދާ ޓެސްޓް ގޮތަށް ހެދޭ ޓެސްޓެއް ކަމަށެވެ. އިންސާނާގެ "ކުޅު"، "ލޭ" އަދި ކުޑަކަމުދާ ތަކެތި ބޭނުން ކޮށްގެން ސިކުންތެއްގެ ތެރޭ ކޮވިޑް-19 ޖެހުމުގެ މާ ކުރިން އަލާމާތްތައް ފެނިގެން ދާނެ ކަމަށް ވަނީ ކޮލިން ބުނެފައެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 47،806 އަށް އަރާފައެވެ. މީގެ ތެރެއިން 5،903 މީހުންނަކީ ފާއިތުވި 24 ގަޑި އިރު ފައްސި(ޕޮޒިޓިވް) ވެފައިވާ މީހުންނެވެ. އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 4،934 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު